Last Updated: June 5, 19:20
Friday, June 5, 2026
ރިޕޯޓް

އައްރައްޔާން؛ ސުވަރުގޭގައި ރޯދަވެރިންގެ ދޮރުކޮޅު!

ޞުބްޙާނަހޫ ވަތަޢާލާ ވަނީ ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރައްވައި އެ ރޯދައިގެ ސަބަބުން ގިނަގުނަ ޘަވާބާއި ދަރުމަ ދެއްވާނެކަން އަންގަވައި ދެއްވާފަ އެވެ. އެކަލާނގެ ޤުދުސިއްޔަ ޙަދީޘް އެއްގައި ވަޙީކުރެއްވިއެވެ.

“كُلُّ عَمَلِ ابْنِ آدَمَ لَهُ إِلا الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ” البخاري (1761) ومسلم (1946)

މާނައީ: ރޯދަ ފިޔަވައި އާދަމްގެ ދަރިޔާގެ ކޮންމެ ޢަމަލެއްވަނީ އޭނާއަށެވެ. އެރޯދަވަނީ ތިމަން އަށެވެ. އަދި ތިމަން އިލާހު އެރޯދައަށް ޖަޒާދެއްވާހުށީމެވެ.”

މި ޙަދީޘްފުޅުން އެނގިގެން ދަނީ ރޯދައިގެ މާތްކަމާއި އެރޯދައިގެ ދަރުމައާއި ޘަވާބުގެ ބޮޑުކަމެވެ.

ރަމަޟާންމަހުގެ ރޯދަ އެތައް ގޮތަކުން މާތްކުރެވިގެންވެއެވެ. އޭ ގެތެރޭގައި ސުވަރުގޭގައި ރޯދަވެރިންނަށް ޚާއްޞަ ދޮރުކޮޅެއް ލައްވާފައިވުން ހިމެނެއެވެ. އެއީ އެ ދޮރުކޮޅަކުން ރޯދަވެރިން ފިޔަވައި އެހެން ބަޔަކު ނުވަންނާނެ ދޮރުކޮޅެކެވެ. ރަސޫލުﷲ ﷺ ޙަދީޘްފުޅު ކުރެއްވި އެވެ.

“‏إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ، يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ، لاَ يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ، لاَ يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ، فَإِذَا دَخَلُوا أُغْلِقَ، فَلَمْ يَدْخُلْ مِنْهُ أَحَدٌ ‏”‏‏ البخاري (1763) ومسلم (1946)

މާނައީ: “ހަމަކަށަވަރުން ސުވަރުގޭގައި “އައްރައްޔާން” އޭ ކިޔޭ ދޮރުކޮޅެއްވެއެވެ. ޤިޔާމަތްދުވަހު އެދޮރުކޮޅުން ރޯދަވެރިން ވަންނާނެއެވެ. އެބައިމީހުން (ރޯދަވެރިން) ފިޔަވައި އެހެން ބަޔަކު އެދޮރުކޮޅުން ނުވަންނާނެއެވެ. ދެންނެވޭނެއެވެ. ރޯދަވެރިން ކޮބާ ހެއްޔެވެ؟ އެހިނދު ރޯދަވެރިން ތެދުވާނެ އެވެ. އެބައިމީހުން ފިޔަވައި އެހެން ބަޔަކު އެ ދޮރުކޮޅުން ނުވަންނާނެ އެވެ. އެބައިމީހުން ވަދެނިމުމުން އެދޮރުކޮޅު ބަންދު ކުރެވޭނެ އެވެ. ދެން އިތުރު އެއްވެސް މީހަކަށް އެ ދޮރުކޮޅުން ނުވަދެވޭނެ އެވެ.”

ސުވަރުގޭގައި އަށް(8) ދޮރުކޮޅެއް ވާކަމަށް ޞައްޙަ ޙަދީޘްތަކުން އަޅުގަނޑުމެންނަށް އެނގެއެވެ. “އައްރައްޔާން” އަކީ އެދޮރުކޮޅުތަކުގެ ތެރެއިން ރޯދަވެރިންނަށް ޚާއްޞަދޮރުކޮޅެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

“ فِي الْجَنَّةِ ثَمَانِيَةُ أَبْوَابٍ، فِيهَا باب يُسَمَّى الرَّيَّانَ لاَ يَدْخُلُهُ إِلاَّ الصَّائِمُونَ ‏”‏‏ رواه البخاري (3017)

މާނައީ: ”ސުވަރުގޭގައި އަށް ދޮރުކޮޅެއްވެއެވެ. އޭގެ ތެރޭގައި “އައްރައްޔާން” އޭ ކިޔުނު ދޮރުކޮޅުވެ އެވެ. ރޯދަވެރިން ފިޔަވައި އިތުރު ބަޔަކު އެދޮރުކޮޅުން ނުވަންނާނެ އެވެ.”

“އައްރައްޔާން” ގެ މާނަ އަކީ ފެން ބޮއެ އަލާކެނޑިފައިވާ މީހާ އެވެ. ނުވަތަ ކަރުހިއްކުން ފިލާފައިވާ މީ ހާއެވެ.

މާތް އަޅަމެން ހިފާ ރޯދަތައް ޤަބޫލު ކުރައްވައި “އައްރައްޔާން” ދޮރުކޮޅުން ސުވަރުގެ ވަންނަ މީހުންގެ ތެރޭގައި ލައްވާށިއެވެ. އާމީން!

ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.