Last Updated: June 8, 06:42
Monday, June 8, 2026
ޚަބަރު

ޕީއެންސީން 800 -900 ގޮނޑި ކާމިޔާބުކުރާނެ: ފަލާހު

އިބްރާހިމް ފަލާހު- ފޮޓޯ: ޕީއެންސީ

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީން ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބުކުރާނެ ކަމަށް، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މިމަހުގެ 12 ވަނަ ދުވަހު އޮތްއިރު ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ނަން ތަރުތީބު ކުރުމާ ހަމައަށް އޮތީ ހުޅުވާލާފަ އެވެ. އެގޮތުން އިންތިހާބަކާ ނުލައި ޕީއެންސީން މިހާތަނަށް 69 ގޮނޑި ކާމިޔާބުކޮށްފައިވަ އެވެ.

މާލޭގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަމުން ފަލާހު ވިދާޅުވީ ޕީއެންސީގެ ތަފާތު އެކި ހިސާބުތައް ދައްކާ ގޮތުގައި އެ ޕާޓީން ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބުކުރާނެ ކަމަށެވެ. އަދި މި އިންތިހާބުގައި ގިނަ އަދަދަކަށް މިނިވަން ކެންޑިޑޭޓުން ވާދަކުރާއިރު، ޕީއެންސީން ތާއީދުކުރާ އެއްވެސް މިނިވަން ކެންޑިޑޭޓެއް ނުހުންނާނެ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

"ޕީއެންސީގެ ކެންޑިޑޭޓުންނަކީ، ޕީއެންސީން ޓިކެޓު ދީގެން ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުން. ޕީއެންސީގެ އެއްވެސް ކެންޑިޑޭޓެއް އަމިއްލަ ގޮތުން ކުރިމަތިލާފައި އަދި އެހެން ޕާޓީއަކުން ކުރިމަތިލާފައެއް ނުހުންނާނެ. އެގޮތަށް އެ އަޑު ފަތުރާ ހުރިހާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް،" ފަލާހު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަދި ޕީއެންސީއަށް ވެސް މުހިއްމީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އިންތިހާބު ކާމިޔާބުކޮށްދިނުން ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.