Last Updated: June 8, 06:42
Monday, June 8, 2026
ޚަބަރު

އެމްޑީޕީގައި އޮތީ ފެއިލްވެފައި އޮތް ލީޑަޝިޕެއް: ނައިބު

އެމްޑީޕީގައި އޮތީ ފެއިލްވެފައި އޮތް ލީޑަޝިޕެއް ކަމަށާއި އެ ލީޑަޝިޕުން ދައްކާ ވާހަކަތައް އެ ޕާޓީގެ އާންމު މެމްބަރުން ވެސް ގަބޫލުނުކުރާނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީގެ ޓިކެޓުގައި މާފަންނު ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭން އިވެންޓުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އެމްޑީޕީގެ ފެއިލްވެފައި އޮތް ލީޑަޝިޕަކުން ކެންޑިޑޭޓުންތަކެއް ގޮވައިގެން ނިކުމެ، ދައްކާނެ ވާހަކައެއް ނެތުމުން ކުރާ ކަމަކީ ސަރުކާރުން ކުރާ ރަނގަޅު ކަންކަން ގޯސް ކަންކަމުގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުން ކަމަށެވެ. ނަމަވެސް އެ ވާހަކަތައް އެމްޑީޕީގެ އާންމު މެމްބަރުން ވެސް ގަބޫލުނުކުރާ ކަމަށާއި އޭގެ ނަތީޖާ ޕީއެންސީއަށް ފޮނިވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެން މިކުރަނީ އިހުލާސްތެރި މަސައްކަތްޕުޅުތަކެއް ކަމަށްވާތީ. އަޅުގަނޑުމެންގެ ކެންޑިޑޭޓުންގެ ފަރާތުން ލިބޭނީ އިހުލާސްތެރި މަސައްކަތުގެ ހެޔޮ ނަތީޖާ ކަމަށްވާތީ،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ބިޔަ ބޮޑު މަޝްރޫއެއް ގެންނަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ ޕްރޮޖެކްޓު ހުއްޓުވާލަން އެމްޑީޕީން ގައުމީ ބޮޑު ކެމްޕޭނެއް ފެށި ކަމަށެވެ. އޭގެ ސަބަބުން ރާއްޖެ ފަހަތަށް ޖަހާލުމަށްފަހު ވާދަވެރި ގައުމުތަކުން ކުރިއަށް އަރައިގެން ދަނީ ކަމަށާއި ދިވެހި ރައްޔިތަކަށް އޭގެ ސަބަބުން ލިބުނު ފައިދާއެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބުނު ފައިދާއެއް ނެތް. މި ބޭފުޅުން ބޭނުމެއް ނުވާނެ ވެރިޔަކަށް ހުންނަވާ އެއްވެސް ބޭފުޅަކު ހެޔޮކަމެއް ރައްޔިތަކަށް ކޮށްދޭތަނެއް ބަލާކަށެއް. މިއީ މި ދެ ޕާޓީގެ ފިކުރުގައި ހުރި ތަފާތު،" ނައިބު ރައީސް ވިދާޅުވި އެވެ.