Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

އެމްޑީޕީއަކީ ފަނާކުރާ ފިކުރެއް، ޕީއެންސީން އަކީ ތަރައްގީ

އިބްރާހިމް ފަލާހު- ފޮޓޯ: ޕީއެންސީ

އެމްޑީޕީ އަކީ ފަނާކުރަނިވި ފިކުރެއް ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީގެ ޓިކެޓުގައި މާފަންނު ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭން އިވެންޓުގައި ވާހަކަދައްކަމުން ފަލާހު ވިދާޅުވީ އެމްޑީޕީ އަކީ ފަނާކުރަނިވި ފިކުރެއް ކަމަށާއި ޕީއެންސީ އަކީ ބިނާކުރަނިވި ފިކުރެއް ކަމަށެވެ.

"އެކަން ފެންނާނެ ޕީއެންސީގެ ވެރިކަމެއް ރާއްޖޭގައި ގާއިމުވެގެންދާ ދުވަސްތަކުގައި ރާއްޖެއަށް އަންނަ ތަރައްގީގެ ރަނގަޅު ކަންތައްތަކުން،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި އިނީ ދެ މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް މި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު އެ ފަންޑުގައި ހުރި ފައިސާގެ އަދަދު އެއް ބިލިއަން ޑޮލަރަށް ޖައްސާފައިވާ ކަމަށެވެ. އަދި އެމްޑީޕީއަށް ވަގުތުކޮޅަކަށް ވެސް ވެރިކަން ލިބިއްޖެނަމަ އަނެއްކާވެސް ދެ މިލިއަން ޑޮލަރަށް އެ އަދަދު ތިރިކޮށްލާނެ ކަމަށާއި މިއީ ވިސްނަންޖެހޭ ކަމެއް ކަމަށް ފަލާހު ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބަށް ޕީއެންސީން ނެރެފައިވަނީ ވަރަށް ގާބިލު އަދި ރައްޔިތުންނަށް ތެދުވެރިކަމާއެކު އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދޭން ނިޔަތް ގަނެގެން ތިބި ފަރާތްތަކެއް ކަމަށާއި އެގޮތުން މިހާރުވެސް ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ހައްލުކޮށްދޭން އެ ކެންޑިޑޭޓުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.