Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ކައުންސިލަރުން ހޮވަނީ ވެރިންނަށް ސަނާކިޔާކަށް ނޫން

ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރަނީ ވެރިންނަށް ސަނާކިޔަން ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެެ އެވެ.

ތިނަދޫ ސިޓީގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ އެމްޑީޕީން އަބަދުވެސް ގަބޫލުކުރަނީ ރާއްޖެ ތަރައްގީ ކުރެވޭނީ ބާރުތައް ރަށްރަށަށް ދީގެން މިލްކުވެރިކަން އެ ރަށެއްގެ ރައްޔިތުންނަށް ދީގެން ކަމަށާއި އެއީ ދަތި އުނދަގޫ މަސައްކަތެއް ނަމަވެސް އެއީ ޑިމޮކްރަސީ ތެރޭގައި އޮންނަ ރީތި އުސޫލު ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާ ގޮތަށް ވެރިކަން ކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި، ހުރިހާ ބާރެއް އެއްކޮށް ރަށްރަށް ދޫކޮށްފައި އޮތް ބާރުތައް ވެސް ކަނޑާލައިގެން އެކަނިމާ އެކަނި ރައީސް އޮފީހުގައި އިނދެގެން ވެރިކަން ކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

"ކައުންސިލަށް މި އިންތިހާބުކުރާ މެންބަރުންނަކީ ވެރިންނަށް ސަނާކިޔަން އަޅުގަނޑުމެން އިންތިހާބުކުރާ ބައެއް ނޫން. ވެރިން އެ ބުނާހާ އެއްޗެއް ބުނާ ގޮތަކަށް އާން ބަސް ބުނަން ތިބޭ ބައެއް ވެސް ނޫން. ކަމެއްގެ ވާހަކަ ބުނީމާ އެއީ ކުރެވޭނެ ކަމެއްތޯ އަމިއްލަ ސިނކުޑިން ވިސްނަން ޖެހޭ. ހާއްސަކޮށް ކަންކަމައި ހަވާލުވެ ތިބި އިސްވެރިން. މިސާލަކަށް މިދިޔަ ރިޔާސީ އިންތިހާބުގައާއި މަޖިލިސް އިންތިހާބުގައި ވެފައި ހުރި ބޮޑެތި ވައުދުތައް އެއީ ކުރެވޭނެ ކަމެއްތޯ އަމިއްލައަށް ސުވާލުކުރަންޖެހޭ،،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ބާރުތައް ޖަމާކޮށްގެން ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށާއި އޭގެ ބަދަލުގައި ރަށްތަކަށް ބާރުތައް ޖެހެނީ ދޫކޮށްލަން ކަމަށެވެ.

"އަޅުގަނޑުމެން ފެށީ އެ މަސައްކަތް. އަޅުގަނޑުގެ ތަސައްވުރެއް އޮތް ތިނަދޫއާއި ދޭތެރޭގައި. އޭގެ ދަށުން އިންޑަސްޓްރިއަލް ރަށެއް ތަރައްގީ ކުރީ. އޭގެ ދަށުން ވިޔަފާރި ބަނދަރެއް ތަރައްގީކުރަން ފެށީ. އޭގެ ދަށުން މިރަށުގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރަން ފެށީ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ވެސް ކުރަން ފެށީ، ރައްޔިތުންނާއި މަޝްވަރާކޮށްފައި ލަފާ ހޯދައިގެން ޕްލޭން ކޮށްގެން އެއަށް ބޭނުންވާ ފައިސާ ވެސް ހޯދައިގެން،" އިބޫ ވިދާޅުވި އެވެ.

ސަރުކާރުން މިއަދު ކުރަންވީ ކަމަކީ ފަށާފައި ހުރި ޕްރޮޖެކްޓްތައް ނިންމުން ކަމަށާއި ތިނަދޫ އަކީ ބޮޑު ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ ތަނެއް ކަމަށްވެސް އިބޫ ވިދާޅުވި އެވެ. ނަމަވެސް ރަށްރަށަށް ތަރައްގީކޮށް ބާރުތައް ދޫކުރުމުގެ ވިސްނުމެއް މިހާރު އޮތް ސަރުކާރުގައި ނެތް ކަމަށްވެސް ވިދާޅުވި އެވެ.