ސަރުކާރުން ދައުލަތުގެ މާލިއްޔަތު ގާނޫނާއި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނާއި ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި އެކަށައަޅާފައިވާ އުސޫލުތަކާއި ހަމަތަކާއި މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓާ ހިލާފަށް ހަރަދު ކުރަމުންދާތީ މަޖިލީހަށް ގަރާރެއް ހުށަހަޅަފި އެވެ.
އެ ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ގަރާރުގައި ބުނެފައިވާ ގޮތުގައި އެ ގަރާރު ހުށަހެޅުއްވީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުވަން މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމަށް ކަމަށެވެ.
އެގޮތުން އުސޫލިތަކާ ހިލާފަށް ފައިސާ ނެގުމުގެ ބޭނުމުގައި، ޕެންޝަން ފަންޑް މެދުވެރިކޮށް ނާޖާއިޒް މުއާމަލާތެއް ހިންގުމަށް ފަހު، އެ ފައިސާ ސަރުކާރަށް ނެގުމަށް މަސައްކަތްކުރަމުން ދާ ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
"މިކަމަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މި އަހަރުގެ ދައުލަތުގެ ބަަޖެޓުގައި، ދައުލަތަށް ފައިސާ ހޯދާނެ ކަމަށް މިނިސްޓާ އޮފް ފިނޭންސް އެންޑް ޕްލޭނިން ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް އެކަންކަމުގެ ބޭރުން، ރައޔްިތުންގެ މަޖިލީހުގެ ހުއްދަ ހޯދުމަކާ ނުލައި ނުވަތަ ރައްޔިތުންގެ މަޖިލީހަށް އެންގުމަކާ ނުލައި ސަރުކާރުން ކުރާ ކަމެއް." ކުޑޫ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އެފަދަ މުއާމަލާތެއް ހިންގައިގެން ޕެންޝަން ފަންޑުން ސަރުކާރަށް ފައިސާ ނެގުމަކީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތައް އެއްފަރާތްކޮށް، އެ ހަމަތަކާއި އުސޫލުތަކާއި ކަނޑައެޅިގެން ހިލާފަށް ސަރުކާރުން ކުރާ ކަމެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑުން މެންބަރުތަކެއް އިސްތިއުފާ ދެއްވާފައިކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ގަރާރުގައި ބުނީ ސަރުކާރުގެ މި އަމަލުގެ ސަބަބުން، ޕެންޝަން ފަންޑުގައި ފަހަށް ރައްކާކޮށްފައި ހުރި ރައްޔިތުންގެ ފައިސާ އެގޮތް މިގޮތަށް ހަރަދުކޮށް، ހުސްކޮށްލަމުންދާކަން ފާޅުކަންބޮޑުކޮށް ފެންނަން އޮތްކަން ކަމަށާއި ޕެންޝަން ފަންޑުގެ މިނިވަންކަން ގެއްލި، އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށެވެ.
އަދި މީގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި، ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން، މުދަލާއި ހިދުމަތުގެ އަގުތައް ނުހަނު ބޮޑަށް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ދައުލަތާއި ރައްޔިތުންގެ މާލީ ކަންކަން ނުރައްކާތެރި ހާލަތަކަށް ހިނގައިދާ ކަމަށް ބުނެފައިވެ އެވެ.