ސަރުކާރުގައި ނުވަތަ ސިވިލް ސާވިސްގެ ވަޒީފާގެ ދޭންވީ އަސްކަރީ ތަމްރީނު ފުރިހަމަ ކުރާ މީހުންނަށް ކަމަށް ވިދާޅުވެ ވަޒީފާއާ ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ޕީއެންސީ އަށް ނިސްބަތްވާ މެމްބަރު ވިދާޅުވީ ފެންނަން އޮތް ހަގީގަތަކީ ކުރިން މައުހަދުން ކިޔެވި ދަރިވަރުންނަކީ އަހުލާގު ރަނގަޅު ކިޔަމަންތެރި އަދި ވެރިންނަށް ކަމޭހިތާ ބައެއްކަން ކަމަށވެ. އަދި މައުހަދުން ނުކުތް ދަރިވަރުންނަކީ ވަޒީފާގެ މާހައުލުގައި ވެސް ވަފާތެރިކަމާއި އަމާންނާތްތެރިކަމާ އެކު، ވެރިންނަށް ކިޔަމަންތެރިކަން އަދާކުރަމުން އަންނަ ބައެއް ކަމަށް ވިދާޅުވ އެވެ.
ޝަރީފް ވިދާޅުވީ ވަޒީފާތަކަށް މިހާރު ނުކުންނަ ޒުވާނުންގެ ސެޓްފިކެޓް ވަރަށް ފުރިހަމަ ކަމަށާއި ނަތީޖާ ވެސް ރަނގަޅު ކަމަށެވެ. ނަމަވެސް، ވަޒީފާ އަށް ނުކުންނަ އިރު، އެ ހިދުމަތް ފޯރުކޮށް ދެވޭތޯ އެއީ މިއަދު އުފައްދަން ޖެހޭ ސުވާލެއް ކަމަށް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށް ދެވޭނީ މުވައްޒަފުންގެ ކަންކަމާ އެކު، ހުރިހާ ކަމެއް އިސްލާހުވެގެން ކަމަށާއި ރާއްޖޭގައި އޯ ލެވެލް އަދި އޭ ލެވެލް ހަދާ ހުރިހާ ދަރިވަރުންނަށް އަސްކަރީ ތަމްރީނެއް ސަރުކާރުން ހިންގުން މުހިންމު ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުން ވަޒީފާއެއް ދޭ ކަމަށް ވަންޏާ ފުރަތަމަ ތަރުބަވީ ތަމްރީނުގައި ހަމަ މިލިޓަރީ ޓްރެއިނިން އަށް ފޮނުވަންވީ، ޝަރީފު ވިދާޅުވި އެވެ. "ރަނގަޅަށް މިލިޓަރީ ޓްރައިނިން އަށް ފޮނުވާފައި އެ ނަހަދާ ކުއްޖަކަށް ސަރުކާރުގެ އެއްވެސް ވަޒީފާއެއް ނުދޭންވީ."
އޭނާ ވިދާޅުވީ އެފަދަ ބަދަލަކަޑް ރާއްޖޭގެ ކަންކަން ތަރުތީބު ކުރުމަކީ މިހާރު ވަރަށް މުހިއްމުވެފައިވާ ކަމެއް ކަމަށެވެ.