Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

ކާންޔޭގެ އިންޑިއާ ޝޯ މާޗް 29 ގައި

އެމެރިކާގެ މަޝްހޫރު ފަންނާނު ކާންޔޭ ވެސްޓްގެ އިންޑިއާ ޝޯ އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޝޯ އޮންނާނީ އެޕްރީލް މަހުގެ ތެރޭގަ އެވެ. ނަމަވެސް އަންނަ މަހުގެ 29 އަށް ޝޯ ތާވަލުކޮށްފައިވާކަން ކަންޔޭގެ ފަރާތުން ކަށަވަރުކޮށް ދީފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

އެ ޝޯ އޮންނާނީ ވެރިރަށް ނިއު ދިއްލީގެ ޖަވާހަރުލާލު ނެހްރޫ ސްޓޭޑިއަމްގަ އެވެ. މީޑިއާތަކުން ބުނީ އެ ޝޯގެ ޓިކެޓް މާދަމާ ވިއްކަން ފަށާނެ ކަމަށާއި އެކްސްލޫސިވްކޮށް ޓިކެޓް ވިއްކާނީ ޑިސްޓްރިކްޓް ބާއި ޒޮމާޓޯ އިން ކަމަށެވެ.

އެމެރިކާގެ އެންމެ ނުފޫޒު ގަދަ މިއުޒިކީ ފަންނާނުންގެ ތެރޭގައި ހިމެނޭ ކާންޔޭގެ މި ޝޯ ވާނީ އޭނަ އިންޑިއާގައި ދޭ ފުރަތަމަ ޝޯއަށެވެ. އެކަމަކު މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނަ އިންޑިއާ އަށް ޒިޔާރަތްކޮށްފައިވެ އެވެ. އެއީ 2009 އާއި 2012 ގަ އެވެ.

އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަންގެ ކުރީގެ ފިރިމީހާ އަދި މިހާރު އޮސްޓްރޭލިއާގެ އާޓިސްޓެއް ކަމަށްވާ ބިއަންކާ ސެންސޯރީއާ ކައިވެނިކޮށްގެން އުޅޭ ކާންޔޭ، 48، ގެ ކުރިއަށް އޮތް އަލްބަމަކީ މިހާރު އަންނަ މަހުގެ 20 ގައި ނެރެން ހަމަޖެހިފައިވާ "ބުލީ" އެވެ.

އޭނަގެ އެންމެ ފަހުގެ އަލްބަމަކީ 2022 ގެ "ޑޮންޑާ 2" އެވެ.