Last Updated: June 5, 22:30
Friday, June 5, 2026
ދުނިޔެ

ހަޔަޓް ހޮޓެލްސްގެ ޗެއާމަން އިސްތިއުފާ ދީފި

ގިނަ އަދަދެއްގެ އަންހެނުންނާއި އަންހެން ކުދިން ޓްރެފިކްކޮށް، ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގި އެމެރިކާގެ ޖެފްރީ އެޕްސްޓީންއާ ގުޅުން ބޭއްވި މައްސަލަ ފަޅާއެރުމާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން، ހަޔަޓް ހޮޓެލްސްގެ ޗެއާމަން ތޯމަސް ޕްރިޒްކާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ އިސްތިއުފާ ދެއްވަން ނިންމެވިކަން އިއުލާން ކުރެއްވީ އިއްޔެ އެވެ. ތޯމަސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނަ އާއި އެޕްސްޓީއާ ގާތް ގުޅުމެއް އޮތް ކަމަށާއި އެކަމާ މިހާރު ހިތާމަކުރައްވާ ކަމަށެވެ. ދާދި ފަހުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި އެޕްސްޓިން ފައިލްތަކުން ދައްކާ ގޮތުގައި ޕްރިކްޒާ އަކީ އެޕްސްޓީންއާ އެންމެ ގާތް ގުޅުމެއްގެ ބޭއްވި މީހުންގެ ތެރެއިން އެކެކެވެ.

ޕްރިޒްކާ ވިދާޅުވީ އޭނަ ހަޔަޓްގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކުންފުނީގެ އަގާއި ގަދަރު ހިފަހެއްޓުމުގެ ގޮތުން ކަމަށާއި އޭނަގެ ސަބަބުން އެ ބްރޭންޑަށް އެއްވެސް އުނިކަމެއް އަންނަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

ޕްރިކްޒާ، 75، ހަޔަޓް ހޮޓެލްސްގެ ޗެއާމަންގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ 2004 އިން ފެށިގެންނެވެ.

ހަޔަޓް އިން ރާއްޖޭގައި ވެސް ރިސޯޓެއް ހިންގަ އެވެ. އެއީ ގއ. އަތޮޅުގައި ހިންގަމުން އަންނަ ޕާކް ހަޔަޓް މޯލްޑިވްސް ހަނޑަހާ އެވެ.

އެޕްސްޓީން ފައިލް ލީކްވުމާ ގުޅިގެން މި ފަހުން ދުނިޔޭގެ އެކި ހިސާބުތަކުން ހައި ޕްރޮފައިލް އެތައް ބަޔަކު އެ މީހުން ތިބި މަގާމުތަކުން އިސްތިއުފާ ދީފައިވެ އެވެ. އޭގެ ތެރޭގައި ނުފޫޒު ގަދަ ސިޔާސީ ބައެއް ލީޑަރުންނާއި ވިޔަފާވެރިން ހިމެނެ އެވެ.

މަހުޖަނުންނާއި ނުފޫޒު ގަދަ ސިޔާސީ އެތައް ބަޔަކާ ގުޅުން ބަދަހިކުރި އެޕްސްޓީން 2019 ގައި ހައްޔަރުކުރީ ޖިންސީ ވަގުފާރީގެ ފެޑެރަލް ތުހުމަތުގަ އެވެ. އޭނަ ހައްޔަރުކޮށް ޖަލަށްލިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން ޖަލު ގޮޅީގައި ވަނީ މަރުވެފަ އެވެ.