ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި އެވެ.
އެތަނުން ބުނީ އަލުން ހުޅުވައިލީ މި މަހުގެ 9 ގައި ކުރިމަތިލާން ހުޅުވާލައި އިއްޔެ އަށް ސުންގަޑި ހަމަވި އިރު، އެކަށީގެންވާ ޢަދަދަކަށް އެޕްލިކޭޝަން ލިބިފައި ނުވާތީ ކަމަށެވެ.
އެހެންވެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ މި މަހުގެ 24 އާ ހަމައަށް ހުޅުވާލައިފަ އެވެ. ޕެންޝަން އޮފީހުން ބުނީ އަލުން ހުޅުވައިލި ނަމަވެސް ކުރިން ކުރިމަތިލި މީހުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
ޕެންޝަން އޮފީހަށް ޗެއާޕާސަން ހޮވުމުގެ ކަންކަން ކުރިއަށް ގެންދާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއަކުންނެވެ. ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ތިން މީހަކު ޝޯޓު ލިސްޓް ކުރާނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. އަދި އެ ތިން މީހުންނަކީ ޝަރުތު ހަމަވާ ބައެއްކަން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ޔަގީން ކުރާނެ ކަމަށް ވެސް ބުންޏެވެ.
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރި، އިގުތިސޯދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުމާއި ޕެންޝަން ނުވަތަ އިންވެސްޓްމެންޓުގެ ދާއިރާގައި މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން
ހިމެނެ އެވެ.
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް މި މަހުގެ 1 ގައި އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ޗެއާޕާސަން ހިމެނޭހެން ޕެންޝަން އޮފީހުގެ ބޯޑުން މެންބަރުންތަކެއް އިސްތިއުފާ ދެއްވީ ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން އުޅޭތީ އެވެ.