އިންޑިއާގެ މިހާރުގެ އެންމެ ފާހަގަކޮށްލެވޭ އަންހެން ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އަޝްވިނީ އައްޔަރު ތިވާރީގެ އާ ފިލްމުގެ ބަތަލާއަކަށް ކިއާރާ އަދުވާނީ ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަކީ އަންހެނެއްގެ ހަޔާތުގެ އާންމު ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ. ނަމަވެސް މީގެ ނަމާއި އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ. މީޑިއާތަކުން ބުނި ގޮތުގައި މާ ލަސްތަކެއް ނުވެ، އަޝްވިނީ ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ އެވެ.
އޭނަ އަކީ "ޑަންގަލް" އާއި ޗިޗޯރޭ" ފަދަ ކާމިޔާބު ފިލްމުތަކުގެ އިތުރުން މި އަހަރު ރަންބީރް ކަޕޫރާ އެކު "ރާމާޔަން: ޕާޓް 1" ގެނެސްދޭން ތައްޔާރުވަމުން އަންނަ ކުޅަދާނަ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އަންހެނުންނެވެ.
އަޝްވިނީގެ އެންމެ ފަހުގެ ފީޗާ ފިލްމަކީ ކަންގަނާ ރަނާވަތުގެ 2020 ގެ "ޕަންގާ" އެވެ. އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "ނީލް ބައްޓޭ ސައްނާޓާ" އަދި "ބެރިލީ ކީ ބަރްފީ" ހިމެނެ އެވެ.
މަޝްހޫރު އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން ކިއާރާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 19 ގައި ގެނެސްދޭން ނިންމާފައިވާ "ޓޮކްސިކް" އެވެ.
މިދިޔަ އަހަރު ދަރިޔަކު ވެސް ލިބިފައިވާ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު "ވޯ 2" އެވެ. ކިއާރާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސިދާތު ޕީ މަލްއުރުރާ "ކަމަލް އޯރް މީނާ" އާއި ފަރުހާން އަޚްތަރުގެ "ޑޮން 3" ހިމެނެ އެވެ.