ދައުރުވަމުން އަންނަ 20ރ. އާއި 100ރ. ރުފިޔާގެ ނޫޓް މަދުވުމާ ގުޅިގެން އަލަށް ގެނައި ނޫޓުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ) އިން ދައުރުކުރަން ފަށައިފި އެވެ.
މަރުކަޒީ ބޭންކުން މިއަދު ބުނީ އިޤްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށާއި އަދި އެމްއެމްއޭއަށް ލިބޭ ބައުވެ ހަލާކުވެފައިވާ ނޫޓުތައް އައުކުރުމަށް ނެރުނު އާ ބެޗެއް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މި މަހުގެ 2 ގައި ގެނައި 100ރ. ގެ ނޫޓުތަކާއި މި މަހުގެ 15 ގައި ގެނައި 20ރ. ގެ ނޫޓުތަކެވެ.
މި ނޫޓުތައް ބާޒާރަށް ނެރުމުގެ މައިގަނޑު މަގުސަދަކީ އިޤްތިޞާދުގެ ތެރޭގައި ނަގުދު ފައިސާ ދައުރު ކުރުމުގައި ދަތި ކަމެއް ނެތި، ބޭނުންވާ މިން ވަރަށް ފައިސާ ފޯރުކޮށް ދިނުންކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މި ފަހަރު ނެރުނު 20ރ. ގެ ނޫޓުގެ ފަރުމާއަށް ވަނީ މުހިންމު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން އާ ޗާޕުގެ ދެ ފުށުގައި ދިވެހި ރުފިޔާގެ ނިޝާން އަލަށް ހިމަނާފައިވެ އެވެ.
އަލަށް ނެރުނު ނޫޓުތަކުގައި ސޮއި ކުރައްވާފައި ވަނީ މިހާރުގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ.
ސަލާމަތީ ފީޗާތައް ވަރުގަދަކޮށް ޕޮލިމާގައި "ރަންދިހަފަހެއް" ނޫޓު ސީރީޒް ނެރެފައި ވަނީ 2016 ގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 5ރ، 10، 20ރ، 50ރ، 100ރ، 500ރ އަދި 100ރ ގެ ނޫޓެވެ.
އެމްއެމްއޭ އިން ބުނީ އަލަށް ނެރުނު ނޫޓުތަކާ އެކު މިހާރު ދައުރުވަމުންދާ 20ރ. އާއި 100ރ. ގެ ހުރިހާ ނޫޓުތަކަކީ ވެސް ސައްހަ، ބޭނުންކުރެވޭނެ ފައިސާ ކަމަށެވެ.