Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ރިފްއަތު އީސީ އަށް އައްޔަން ކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ޑރ. މުހައްމަދު ޒާހިރުގެ ބަދަލުގައި އެ މަގާމަށް އެ ކޮމިޝަންގެ ކުރީގެ ޑެޕިއުޓީ ޑީރެކްޓްރެއްގެ ރިފްއަތު އަބްދުﷲއަށް ރުހުން ދޭން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އީސީގެ މެންބަރުކަމަށް މިދިޔަ މަހު ހުޅުވާލީ ޒާހިރުގެ ފަސް އަހަރުގެ ދައުރު މި މަހު 21 އަށް ހަމަވާތީ އެވެ.

އެ މަގާމަށް ހުޅުވައިލުމުން ޒާހިރު ހިމެނޭހެން ފަސް ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވި ނަމަކީ ރިފްއަތެވެ. ރިފްއަތުމަގާމަށް އައްޔަން ކުރަން ރުހުން ހޯދަން މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފުތާގަ އެވެ.

ރައީސް ފޮނުއްވި ގޮތަށް ރިފްއަތު މަގާމަށް އައްޔަން ކުރަން އިއްޔެ ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވެ އެވެ. އަދި މިއަދުގެ މަޖިލިސް ޖަލްސާގައި އޮތީ އެ ރިޕޯޓަށް ވޯޓަށް އެހުމެވެ. އެގޮތުން ރިފްއަތު އައްޔަން ކުރަން ފެންނަ ކަމަށް 58 ވޯޓު ލިބުނެވެ.

ރިފްއަތަކީ 2017-2019 އަށް އީސީގެ ލީގަލް ޑިޕާޓްމަންޓްގައި ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދާ ކުރައްވި ބޭފުޅެކެވެ.