ރާއްޖޭގެ ކުރިމަގަކީ ކޮބައިކަން ދެނެގަތުމަށްޓަކައި، މިއަދު އަޅުގަނޑުމެން ހިނގަމުން މިދާ މަގުތަކާއި، ކުރަމުންދާ ކަންކަމަށް ފުންކޮށް ނަޒަރު ހިންގާލަން ޖެހެ އެވެ. ޤައުމެއްގެ ކުރިމަގު ބައްޓަން ކުރަނީ، އެ ޤައުމެއްގެ ޒުވާނުންނާއި، އިޤްތިޞާދާއި، އިޖްތިމާޢީ ހާލަތުގެ މައްޗަށެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މާލެ ސަރަޙައްދުގައި ހުދޫދެއް ނެތި ފްލެޓާއި ބުރިޖް އަޅައި އާބާދީގެ ބޮޑު ބައެއް އެއް ސަރަޙައްދަކަށް ޖަމާކުރުމަށް ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތުތަކެވެ.
މާލެ ސަރަޙައްދުގައި ހުދޫދެއް ނެތި ފްލެޓާއު ބުރިޖް އަޅައި މާލޭ ރަށްވެހިނަށް ވުމަށް އަތޮޅުތެރޭގެ ރައްޔިތުންނަށް މަޤްބޫލް ސިޔާސަތުތައް ސަރުކާރުން ހިންގާ ނަމަ، ރަށްވެހިކަމާއި ލާމަރުކަޒީ ނިޒާމްގެ ދަށުން ރަށްތައް ހިންގުމުގެ ބޭނުމެއް ނެތް ކަމަށް ދެކެމެވެ. އެވާނީ މުޅިން ބޭކާރު ކަމަކަށެވެ.
ލާމަރުކަޒީ ނިޒާމްގެ މައިގަނޑު މަޤްޞަދަކީ ކޮންމެ ރަށެއްގެ ރައްޔިތުންނަށް އެމީހުންގެ ރަށް ތަރައްޤީކުރުމާއި، އެ ރަށަށް ބޭނުންވާ ޚިދުމަތްތައް ލިބިގަތުމުގެ ބާރު ދިނުމެވެ. ނަމަވެސް، އަތޮޅުތަކުން މާލެއަށް ހިޖުރަކުރުން އިތުރުވެ، އެއް ތަނަކަށް އާބާދީ ބޮޑުވެއްޖެ ނަމަ، މި ނިޒާމުގެ ހަޤީޤީ ބޭނުމެއް ފުރިހަމައެއް ނުވާނެއެވެ. އަތޮޅުތަކުގެ ތަރައްޤީއަށް ހޭދަކުރާ މާލީ ވަސީލަތްތަކާއި، އިންސާނީ ވަސީލަތްތައް ވެގެންދާނީ ބޭކާރު އެއްޗެއް ކަމަށެވެ. މާލޭގެ ތޮއްޖެހުމާއި، ދިރިއުޅުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅުމުގައި އިތުރު ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ.
ކާމިޔާބު ޤައުމަކަށް ވުމަށްޓަކައި ސަރުކާރުން ޖެހެނީ އިޤްތިޞާދު ޑައިވާސިފައިކޮށް، އަތޮޅުތައް ހިމަނައިގެން އާބަން ސެންޓަރުތަކެއް ޤާއިމުކުރަން ފަށާށެވެ. އެކި އަތޮޅުތަކުގައި ބޮޑެތި އިޤްތިޞާދީ މަރުކަޒުތައް އުފައްދައި، ވަޒީފާގެ ފުރުޞަތުތައް ގިނަކޮށް، ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތްތައް މަތީ ފެންވަރެއްގައި ފޯރުކޮށް ދިނުމުން މާލެއަށް އޮތް ބަރޯސާ ކުޑަވެގެންދާނެ އެވެ. ކޮންމެ ސަރަޙައްދަކަށް ޚާއްޞަ ތަރައްޤީގެ ޕްލޭންތައް އެކުލަވައިލައި، އެ ސަރަޙައްދެއްގެ ޠަބީޢީ ވަސީލަތްތަކާއި، ހުނަރުތަކަށް ބިނާކޮށް އިޤްތިޞާދީ ހަރަކާތްތައް ފުޅާ ކުރެވިދާނެ އެވެ.
މިސާލަކަށް، ދަނޑުވެރިކަމަށް ރަނގަޅު އަތޮޅުތަކުގައި ދަނޑުވެރިކަން ކުރިއެރުވުމާއި، މަސްވެރިކަމަށް މަޝްހޫރު އަތޮޅުތަކުގައި މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުން ހިމެނެއެވެ. މިއީ ހަމަހަމަ ތަރައްޤީއެއް ޤާއިމުކޮށް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދިރިއުޅުމުގެ ރަނގަޅު ފުރުޞަތުތަކެއް ފަހިކޮށް ދޭނެ ކަމެކެވެ.
އެހެންކަމުން، ރާއްޖޭގެ ކުރިމަގު އުޖާލާކޮށް، ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމަށްޓަކައި މާލެއަށް އޮތް ބަރޯސާ ކުޑަކޮށް، އިޤްތިޞާދު ބައިބައިކޮށް، އަތޮޅުތައް ހިމެނޭގޮތަށް ތަރައްޤީގެ މަރުކަޒުތައް ޤާއިމުކުރުމަކީ މިއަދު އަޅުގަނޑުމެންގެ ސަރުކާރުން ސަމާލުކަން ދޭން ޖެހޭ އެންމެ މުހިންމު ކަންތައްތަކެވެ. މިގޮތަށް ކުރިއަށް ދިއުމުން ނޫނީ، ރާއްޖެއަކީ ހަމައެކަނި މާލޭގެ ނަމުގައި އޮންނަ ޖަޒީރާ ޤައުމަކަށް ވެގެންދިއުމުގެ ނުރައްކާ ބޮޑެވެ.