Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

ސަލްމާންގެ ބައްޕަ އެޑްމިޓްކޮށްފި

ސިއްހީ ހާލު ދެރަވުމާ ގުޅިގެން ބޮލީވުޑްގެ ތަރި، ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާން ހޮސްޕިޓަލްގައި މިއަދު އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ އުމުރުން މިހާރު 90 އަަހަރުގެ ސަލީމަށް ފަރުވާ ދެމުން އަންނަނީ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލްގައި ކަމަށެވެ. ނަމަވެސް އޭނަގެ ސިއްހީ ހާލަތާ ބެހޭ އެއްވެސް މައުލޫމާތެއް އާއިލާ އިން އަދި ހާމައެއް ނުކުރެ އެވެ.

ކުރިން އެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި ސަލީމަކީ ހިންދީ ސިނަމާގެ ކުރީގެ އެންމެ ނުފޫޒު ގަދަ އެއް ސްކްރީން ރައިޓަރެވެ. އޭނަ އާއި ޅެންވެރިޔާ ޖާވިދު އަޚްތަރު ގުޅިގެން ކާމިޔާބު އެތައް ފިލްމެއް ލިޔެފައިވާ އިރު، ދެ މީހުން ފަހުން މަސައްކަތްކޮށްފައި ވަނީ ވަކިންނެވެ.

އެ ދެ މީހުން އެކީގައި ލިޔުނު ފިލްމުތަކުގެ ތެރޭގައި ޝޯލޭ، ސީތާ އޯރް ގީތާ، ދީވާރު، ޑޮން، ޓްރިޝޫލް އަދި ކްރަންތީ ފަދަ އެތައް ހިމެނެ އެވެ.

ސަލީމަކީ ބަތަލާ ހެލެންއާ ވެސް ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އެ އާއިލާގައި ހިމެނޭ ދެ އަންހެން ކުދިންގެ ތެރެއިން އެކްޓަރު އާޔޫޝް ޝަރުމާ ކައިވެނިކޮށްގެން އުޅޭ އަރްޕިތާ ޚާނަކީ ހެލެން، 87، އެޑޮޕްޓްކުރި ކުއްޖެކެވެ. ސަލީމްގެ ދޮށީ އަންބަކީ މިހާރު 82 އަހަރުގެ ސަލްމާ ޚާނެވެ.

އެ ދެ މީހުންގެ ދަރިންނަކީ ސަލްމާނާއި އަރްބާޒާއިި ސުހައިލް ޚާންގެ އިތުރުން އަލްވިރާ ޚާނެވެ.