Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ކޯރަމް އޮވެ، ޖަލްސާ ކެންސަލް ކުރީ ހުދުމުހުތާރުކޮށް

މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާއެއް މިއަދު ބާއްވަން އެޖެންޑާކޮށް ޖަލްސާގެ ކޯރަމްވެސް ބަރާބަރަށް ހަމަވެފައި އޮއްވާ، ކޯރަމް ހަމަނުވާކަމަށް އިއުލާނުކޮށް މޭޔަރު އާދަމް އާޒިމް، ޖަލްސާ ނިންމާލުމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރީޝް ވަނީ މާލެ ސިޓީގެ ރައްޔިތުން ހޮވާފައިވާ މޭޔަރު އޭނާގެ މަގާމުގެ ނުފޫޒުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައިގެން ވަމުންދާ އިހުމާލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާތައް ބާއްވާ ދުވަހަކީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަސްކަމަށް ކަނޑައަޅައި އެކަން ދާއިމީކޮށް ކުރަމުން އަންނަތާ އެތައް ދައުރެއްވެފައިވާކަން ފާހަގަކުރައްވަމުން އަރީޝް ވިދާޅުވީ މިއަދުގެ ޖަލްސާ، މޭޔަރު އާދަމް އަޒިމް އެޖެންޑާ ކުރީވެސް ކުއްލިއަކަށް ކަމަށެވެ.

"ބެލެވޭ ގޮތުގައި އެއީ ކޯރަމް ހަމަނުވުމުގެ އިލްޒާމު ކައުންސިލަރުންގެ ބޮލުގައި އަޅުވަން. ނަމަވެސް މިއަދަށް އެޖެންޑާކުރި 4 ވަނަ ދައުރުގެ 234 ވަނަ ރަސްމީ ޢާއްމު ޖަލްސާއަށް ސާފުކޮށް ކޯރަމް ހަމަވާ ވަރަށް، ކައުންސިލްގެ 10 މެންބަރުން ގަޑިއަށް ހާޒިރުވި." އަރީޝް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާއަށް ހާޒިރުވި ކައުންސިލަރުންގެ ނަންތައްވެސް އަރީޝް ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން މިއަދުގެ ޖަލްސާއަށް ހާޒިރުވީ

މޭޔަރު އާދަމް އާޒިމް
ޑެޕިއުޓީ މޭޔަރު އަރީޝް
ކައުންސިލަރު އައިމަން
ކައުންސިލަރު ނަޙުލާ
ކައުންސިލަރު ރީހާން
ކައުންސިލަރު ސައޫދާ
ކައުންސިލަރު ސައިފް
ކައުންސިލަރު ރިޝްފާ
ކައުންސިލަރު ނިޒާމް
ކައުންސިލަރު މަރިޔަމް ނާޒިމާ

މީގެ އިތުރުން އަރީޝް ވިދާޅުވީ 10 ކައުންސިލަރުން ގަޑިއަށް ހަމަވެ، ކޯރަމް ލިބިފައި ވަނިކޮށްވެސް، ކޯރަމް ހަމަނުވާ ކަމަށް އިއުލާނުކޮށް، ވަރަށް ހުދުމުހުތާރު ގޮތަކަށް މޭޔަރު އާދަމް އާޒިމް ކެންސަލްކުރި މި ޖަލްސާއަށް އެޖެންޑާކޮށްފަައި އޮތް އެއްކަމަކީ، ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މައާފްކޮށްދިނުން ކަމަށެވެ.

ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މައާފްކޮށް ދިނުމަކީ، މިއަހަރުގެ ޖެނުއަރީ މަހު 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމެއްކަން ފާހަގަކުރައްވަމުން އަރީޝް ވިދާޅުވީ އެ ނިންމުން ތަންފީޒުކުރަން 7 ޖެނުއަރީގައި މާލެ ސިޓީ ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާފައިވާ ކަމަށެވެ.

މިގޮތަށް މާކުރިން ނިމި ހަމަޖެހިފައިވާ ކަމެއް މި ޖަލްސާއަށް މޭޔަރު އާދަމް އާޒިމް އެޖެންޑާ ކުރެއްވި ސަބަބެއް ނޭނގެކަން ފާހަގަކޮށް އަރީޝް ވިދާޅުވީ ކައުންސިލަރުންނާ މަޝްވަރާވެސް ކޮށް ނުލާ އަންގާރަ ދުވަހު ރަސްމީ އާއްމު ޖަލްސާއެއް ކުއްލިއަކަށް ބާއްވަން ނިންމި ސަބަބެއްވެސް ސާފުނުވާކަމަށެވެ.