ރޯދައަކީ މާތް މަތިވެރި، ﷲ ސުބުޙާނަހޫވަތަޢާލާގެ ހަޟްރަތުން ބޮޑުވެގެންވާ ދަރުމައާއި ޘަވާބު ލިބެނިވި އަޅުކަމެކެވެ. އިމާންކަމާ އެކު ﷲ ގެ ހަޟްރަތުން ދަރުމަ އާއި ޘަވާބަށް އެދޭ ޙާލު އެމަހުގެ ރޯދައާއި ރޭއަޅުކަން އަދާކޮށްފި މީހެއްގެ އިސްވެ ގޮސްފައިވާ އެންމެހާ ފާފަތައް ފުއްސަވާ ދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ވަނީ ދެއްވައިފަ އެވެ.
އެހެން ނަމެސް ސުވާލަކީ ރޯދަ ފަރުޟުކުރެއްވުމުގެ މަޤްޞަދާއި ރޫހާނީ ގޮތުން އެރޯދައިން ލިބިދޭ ޙަޤީޤީ ފައިދާ ހަމައެކަނި ނުކައި ހުރުމުން ހިފައި ރޯދައިން ލިބޭތޯ އެވެ؟ ހަމައެކަނި ބަނޑުހައިކަން އިޙްސާސް އެއީ ރޯދަައިގެ މަޤުޞަދު ބާ އެވެ؟
ރަސޫލާ ﷺ ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ؛ “ގޯސް ހަޑިހުތުރު ބަސްތައް ބުނުމުންނާއި އެފަދަ ޢަމަލުތައް ކުރުމުންނާއި އަދި ޖާހިލުކަންކަން ދޫކޮށްނުލާމީހާ، އޭނާގެ ކެއުމާއިބުއިމުން ދުރުހެލިވެގެން ހުރުމަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެދިވޮޑިނުގަންނަވައެވެ”.
މި ޙަދީޘުން ކަނޑައެޅި ބަޔާންވެގެންވާ ގޮތުގައި ރޯދަ ހިފުމަކީ ހަމައެކަނި ކެއިން ބުއިމުން ދުރުހެލިވެގެން ހުރުމެއް ނޫންކަމެވެ. އެހެނެއް ކަމަކު ރޯދަ ހިފުމުގެ ތެރޭގައި މާއްދީ ގޮތުންނާއި ރޫޙާނީ ގޮތުން ކަންތައް ތަކަކުން ދުރެވެ، ރައްކާތެރިވާން ޖެހެއެވެ. ތަޤުވާވެރިކަން ހާޞިލްވޭތޯ ގަދައަޅާ މަސައްކަތްކޮށް، އެކަމުގެ ސަބަބު ތަކުގައި ހިފަހައްޓަން ޖެހެ އެވެ. ރޯދަ ފަރުޟް ކުރެވުނު ޙިކުމަތް ބަޔާން ކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެ އެވެ. (لَعَلَّكُمۡ تَتَّقُونَ) (އަލްބަޤަރާ 183) މާނައީ: (އެއީ) ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކަ އެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާއީ އަޅުތަކުންގެ އެއްވެސް ކަމަކަށް ބޭނުންވެ ވޮޑިގެންނަވާ އިލާހެއް ނޫނެވެ. އެކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވެ ވޮޑިގެންވާ، ގަދަފަދަވަންތަ އިލާހެވެ. ޝަރުޢުގައި ލައްވާފައިވާ އެންމެހާ ކަންތައްތަކަކީ މީސްތަކުންގެ މަޞްލަޙަތަށްޓަކައި އެކަލާނގެ ޙިކުމަތްފުޅުގެ ދަށުން ލައްވާފައިވާ ކަންކަމެވެ. ޙަދީޘްގައި ބަޔާންކުރައްވާފައިވާ ”އޭނާގެ ކެއުމާއިބުއިމުން ދުރުހެލިވެގެން ހުރުމަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެދިވޮޑިނުގަންނަވައެވެ” ބުނެވޭ ބައިގެ އެއްމާނައަކީ އެއީ ﷲ ރޯދައިގެ އެއަޅުކަން ޝަރުޢު ކުރެއްވުމުގެ މަޤްޞަދާ ފުށުއަރާ ކަމެއްކަން ބަޔާން ކޮށްދިނުމެވެ. ޙަދީޘްގެ އެބައިގެ ޝަރަޙާގައި އިބްނުލް މުނީރު ވިދާޅުވެފައިވެއެވެ. “އެހެނެއްކަމަކު އެޙަދީޘްގެ އެބައިގެ މުރާދަކީ އެގޮތަށް ހިފާ ރޯދަ ޤަބޫލުވެވިގެން ނުވާކަން ބަޔާން ކުރުމެވެ.
އެ އުސްލޫބުން ކީރިތި ޤުރްއާނުގައި ﷲ ވަޙީ ކުރައްވާފައިވެ އެވެ.
(لَن یَنَالَ ٱللَّهَ لُحُومُهَا وَلَا دِمَاۤؤُهَا وَلَـٰكِن یَنَالُهُ ٱلتَّقۡوَىٰ مِنكُمۡ)
މާނައީ އެ ތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް اللَّه ގެ ޙަޟްރަތަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެ ޙަޟްރަތަށް ދަނީ، ތަޤްވާވެރިކަމެވެ. (އަލްޙައްޖު 37)
އަދި އިބުނު އަލްޢަރަބް ވިދާޅުވެފައިވެއެވެ. މި ޙަދީޘުން ބަޔާންކޮށްދެނީ ގޯސް ހަޑިހުތުރު ބަސްތައް ބުނުމުންނާއި އެފަދަ ޢަމަލުތައް ކުރުމުން ދޫކޮށްނުލާ ހިނދަކު އޭނާގެ ބަނޑުހައި ހޫނުކަމަކުން އޭނާއަށް އެރޯދައަށް ޘަވާބު ލިބުމެއްނުވެއެވެ. ކޮންފަދަ ނުރައްކާތެރި އަދި ގިނަ ބަޔަކު ފަރުވާކުޑަކޮށްލާފައިވާ ކަމެއްތޯ!!
އަޅުގަނޑުމެންނަށް ނޭގުމުގެ ތެރެއިންނާއި ފަރުވާކުޑަ ކުރުމުގެ ތެރެއިން ހުށައެޅެމުންދާ މިފަދަ ނުރައްކާތެރި ޙާލަތްތަކުން ރައްކާތެރިވާން ޖެހެ އެވެ. އަޅުގަނޑުމެންނަށް އަދާކުރެވޭ އަޅުކަންތައްތަކާ މެދު ފަރުވާތެރިވާން ޖެހެއެވެ. މީސްތަކުން ރޯދަ އަށް ހުންނަ މަސްވީމަ، ހަމައެކަނި މީސްތަކުންނާ އެކު ނުކައި ހުރުމަކުން ރޯދައިގެ ޘަވާބެއް ނުލިބޭނެކަން އަޅުގަނޑުމެން ދަންނަން ޖެހެއެވެ. އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ، އެ ބަހާ އެއްގޮތަށް ޢަމަލުކުރާ ބައެއް ކަމުގައި ލައްވާށި!
ނޯޓް: މިއީ ޝައިހް އަޙްމަދު ވަޙީދުގެ ލިޔުއްވުމެކެވެ.