ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާ ތާރިގް ރަހުމާން މިއަދު ކުރައްވައިފި އެވެ.
އޭނަ ހުވާ ކުރައްވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައެެއް ގައުމުތަކުގެ އިސްވެރިން ވެސް ބައިވެރިވަޑައިގަތެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ހިމެނިވަޑައިގަނެ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 30 ގައި އަވަހާރަވި ކުރީގެ ހާލިދާ ޒިއާގެ ދަރިކަލުން ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިހާބުގައި އޭނަގެ ޕާޓީ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ކާމިޔާބުކުރުމާ ގުޅިގެންނެވެ.
ތާރިގް، 60، އަކީ 35 އަހަރު ފަހުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ފިރިހެން ބޭފުޅާ އެވެ. އޭނަ އަށް ގައުމު ހިންގެވުމާ ހަވާލުވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައގަތީ އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި 17 އަހަރު ވަންދެން ދިރިއުޅުއްވުމަށް ފަހު އެވެ.
ތާރިގް އެނބުރި ގައުމަށް ވަޑައިގަތީ މަންމާފުޅުގެ އާލާސްކަންފުޅާ ގުޅިގެން ޑިސެންބަރު މަހުގެ 25 ގަ އެވެ.
ބަންގްލަދޭޝްގައި އެންމެ ފަހުން ބޮޑުވަޒީރުކަން ކުރެއްވީ އޮގަސްޓް 5، 2024 ގައި އިސްތިއުފާ ދެއްވައި ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންނެވި ޝައިހް ހަސީނާ އެވެ. އޭނަ އިސްތިއުފާ ދެއްވީ ސަރުކާރާ ދެކޮޅަށް ދަރިވަރުންތަކެއް އިސްކޮށް ތިބެގެން ފެށި މުޒާހަރާތަކާ ގުޅިގެން ކުރިމަތިވި ޕްރެޝަރާ ހެދި އެވެ.
ހަސީނާ އަށް ފަހު މިހާތަނަށް ގައުމުގެ ކަންކަމާ ހަވާލުވެހުންނެވީ މުހައްމަދު ޔޫނުސް އެވެ.
ސިޔާސީ ގޮތުން ބޮޑެތި ނުތަނަވަސްކަމެއްގެ ތެރޭގައި އޮތް ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާ ތާރިގް ކުރެއްވި އިރު އޭނަގެ މަންމާފުޅު ހާލިދާ އަކީ އެ ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. އެކަމަނާ ބޮޑުވަޒީރުކަން ކުރެއްވީ 2001-2006 އަށެވެ. ތާރިގް ބައްޕާފުޅަކީ ބަންގްލަދޭޝްގައި 1977-1981 އަށް ރައީސްކަން ކުރެއްވި ޒިއާއުއްރަހްމާނެވެ.