Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ހެޔޮ ބަދަލެއް ގެންނަން އަމިއްލަ ނަފްސާ ހަމައިން ފަށަންޖެހޭ

ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެންނަން އަމިއްލަ ނަފްސާ ހަމައިން ފަށަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ރައީސް މުއިއްޒު ދެއްވި ޚިޠާބުގައި ވިދާޅުވީ އިޖުތިމާއީ ވަރަށް ގިނަ އިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތުގައި، އިސްލާހުގެ ފެށުމަކީ ތިމާ ކަމަށެވެ.

"އާއިލާއަކަށް، މުޖުތަމައަކަށް ނުވަތަ ގައުމަކަށް އިސްލާހެއް، ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށްވުން، އެ މީހަކާ ހިސާބުން ފަށަންޖެހެއެވެ. އޭރުން ތިމާގެ ކިބައިން ފެށުނު ފެށުން އާއިލާއަށް، މުޖުތަމައަށް އަދި މުޅި ގައުމަށް ފޯރައެވެ..،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ ބަރަކާތްތެރި ހެޔޮކަމުގެ މޫސުން ބައްދަލުކުރި އިރު، މުޖުތަމައުން ދެކެން ބޭނުންވާ، ވަރަށް ގިނަ ހެޔޮ ކަންކަން އެބަހުރި ކަމަށާއި ދީނީކަންކަމާއި، އާދަކާދައިގެ ކަންކަމާއި އުސޫލާއި ގާނޫނާއި ގަވާއިދަށް ބޯލެނބުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. އެގޮތުން ފަސްވަގުތު ނަމާދުކުރާ، ކުޑަކުދީންގެ ކަރާމާތް ރައްކާތެރިކުރާ، ބޮޑެތި މީހުންނަށް އިހުތިރާމުކުރާ މުޖުތަމައެއް ބޭނުންވާ ކަމަށާއި މަސްތުވާތަކެތިން ސަލާމަތްވެފައިވާ، ސިއްހީގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ މުޖުތަމައެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށްހިތާ، ދިވެހީންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި، ދިވެހިވަންތަ ރީތި ތަހުޒީބު އަމިއްލަ ގޮތްތައް ނަގަހައްޓާ މުޖުތަމައެއް އަޅުގަނޑުމެން ދެކެން ބޭނުންވެއެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި އިތުރަށް ވިދާޅުވީ ދިވެހި މުޖުތަމައަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް ކަމަށާއި ރަމަޟާން މަސް އަހުލާގުގެ އެންމެ މަތިވެރި ހުރިހާ ފިލާވަޅެއް އުނގަންނައިދޭ ކަމަށެވެ. އަދި މިކަންކަން ކޮންމެ މީހަކު އަމިއްލަ ނަފުސާ ހަމައިން ފެށުމަށާއި މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަކީ ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފްސު އެ ބަދަލާ އެއްގޮތަށް، ދީނީ، ޤައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހެދުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.