މީހުންނަށް ފުރައްސާރަނުކޮށް ކައުންސިލް އިންތިހާބުގެ ކެމްޕޭން ކުރިއަށްގެންދަން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ.
ޕީއެންސީގެ އަންހެނުންގެ ގޮފީގެ ފަރާތުން މިރޭ ބޭއްވި މާހެފުމުގައި ވާހަކަފުޅުދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރަނީ ބޮޑު އިންތިހާބެއްގެ ކެމްޕޭނުގެ ތެރޭގައި އުޅޭ ދުވަސްވަރެއްގައި ކަމުން، އެކަކު އަނެކަކަށް ބަދުބަސް ބުނުމާއި އެކަކު އަނެކަކަށް ފުރައްސާރަކުރުން ފަދަ ކަންކަމުން ރައްކާތެރިވާންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ އަހުލާގު ރަނގަޅުކޮށް މީހުންނާއި ކުރިމަތިލާއިރު ނޫނީ މީހުންނާ ވާހަކަދައްކާއިރު އަދަބު އިހުތިރާމް އަދާކުރުމާއި، މި ހުރިހާ ކަންކަމަކީ ވެސް ދީނީގޮތުން ހަމަ ވަރަށް މުހިއްމު ކަމެއް. މިއަދު އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އަޅުގަނޑުމެންނަކީ އަހުލާގު ރަނގަޅު، މީހުންނަށް އިހުތިރާމްކުރާ، އެހެން މީހުންނަށް ފުރައްސާރަނުކުރާ ބައެއް ކަމުގައި ވާން،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވަނީ މިގޮތަށް ކެމްޕޭން ވެސް ކުރިއަށް ގެންގޮސް، ކެމްޕޭން ކާމިޔާބު ކުރުމަށްޓަކާ މަސައްކަތް ކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.
މީގެއިތުރުން ރަމަޟާން މަހުގައި ދީނީ ކަންކަމަށް ސަމާލުކަންދޭ ފަދައިން ހަވާލުވެފައިވާ އެހެނިހެން ޒިންމާތަކާއި މެދު ވެސް ސަމާލުވާންޖެހޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.