ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް ޓަރމިނަލް، ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފި އެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި، ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންސްތައް ޓާމިނަލް 2 އަށް ބަދަލުކޮށްފައިމިވަނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އެވެ. މިބަދަލުތައް ގެނައުމުގެ މަސައްކަތްކޮށްފައިވަނީ އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނެވެ.
އެގޮތުން ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި 8 ޗެކް–އިން ކައުންޓަރު ހުރި ނަމަވެސް، ޓަރމިނަލް 2 ގައި ޗެކް–އިން ވުމަށް 27 ކައުންޓަރު ހުންނާނެ އެވެ. އަދި ސެކިއުރިޓީ ކްލިއަރެންސްއަށް 3 މެޝިން ބެހެއްޓިފައިވާއިރު، 6 ޑިޕާޗާ ގޭޓު ހުންނާނެ އެވެ.
މީގެ އިތުރުން ޓަރމިނަލް 2ގައި އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކި ދެ ނަމާދުކޮޓަރިއާއި ކުޑަކުދިންގެ ކުޅޭ ސަރަހައްދަކާއި އެފްއެންޑްބީގެ ތިން އައުޓްލެޓް ހުންނާނެ ކަމަށާއި، އަދި އަންނަ ފަސިންޖަރުންގެ ދަބަސްތައް ނެގުމަށްވެސް ބޮޑުބަދަލެއް ވަނީ ގެނެސްފައި ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
އެގޮތުން ޓަރމިނަލް 2 ގައި ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި ހުރި ބެގޭޖް ބެލްޓަށްވުރެ ހަތަރު ގުނަ ބޮޑު ދެ ބެލްޓް ބެހެއްޓިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، މި ބަދަލުގެ މައިގަނޑު މަގުސަދަކީ ކުރީގެ ޑޮމެސްޓިކް އެއަރޕޯޓުގައި ކުރިމަތިވާ ތޮއްޖެހުންކުޑަކޮށް، ދަތުރުކުރައްވާ ފަސިންޖަރުންނަށް ވީހާވެސް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމެވެ.