Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ފ އާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީ ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތް ދ. އަތޮޅާއި ފ. އަތޮޅުގައި ފަށައިފި އެވެ

އެ ދެ އަތޮޅަށް އެ ހިދުމަތް އިއްޔެ ރަސްމީކޮށް ފައްޓަވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ. އެކަމަށްޓަކައި ބޭއްވި މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ކުންފުނީގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ބައިވެރިވި އެވެ.

އެމްޓީސީސީން ބުނީ ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމާ ގުޅިގެން އެ ދަތުރުތައް އާންމުން ތަޖުރިކޮށްލުމުގެ ގޮތުން ހަފުތާއެއް ވަންދެން ހިލޭ ދަތުރުތައް ކުރެވޭނެ ކަމަށެވެ.

މިނިސްޓަރު އަމީން އިއްޔެ ވިދާޅުވީ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް އާރްޓީއެލް ފެރީގެ ހިދުމަތް ނުފެށި ބާކީ ހުރި އަތޮޅުތަކަށް ހަ މަސް ދުވަހުގެ ތެރޭގައި އެ ހިދުމަތް ތައާރަފުކޮށް ނިންމާނެ ކަމަށެވެ.

ފ. އަތޮޅާއި ދ. އަތޮޅާ އެކު މިހާރު ރްޓީއެލްގެ ފެރީގެ ހިދުމަތް ހއ، ހދ، ށ، ނ، ރ، ބ، ޅ، ތ، ގއ، ގދ ފުވައްމުލައް އަދި އައްޑޫގައި އަންނަނީ ދެމުންނެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ދޭ މި ހިދުމަތް ތައާރަފުކުރީ 2022 ގަ އެވެ. ފެރީގެ ހިދުމަތުގެ އިތުރުން އާރްޓީއެލްގެ ދަށުން ބައެއް ސަރަހައްދުތަކަށް އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.