ފިލިޕީންސްގެ މިހާރުގެ ނައިބު ރައީސް ސާރާ ޑުޓާޓް 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފި އެވެ.
އުމުރުން 47 އަހަރުގެ ސާރާ އަކީ 2016-2022 އަށް ފިލިޕީންސްގެ ރައީސްކަން ކުރެއްވި ރޮޑްރިގޯ ޑުޓާޓްގެ ދަރިކަނބަލެކެވެ. އޭނަ ޕިލިޕީންސްގެ ނައިބު ރައީސްގެ މަގާމަށް ވަޑައިގަތީ މިހާރުގެ ރައީސް ފާޑިނަންޑް މާކޮސް ޖޫނިއާއާ އެކު ރަނިންމޭޓެއްގެ ގޮތުގައި ނުކުންނަވައި 2022 ގަ އެވެ.
ނަމަވެސް މި ފަހުން އެ ދެ ބޭފުޅުންގެ މެދުގައި ބާރުތަކުގެ މައްސަލައިގައި ކޯޅުންތަކެއް އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވައި ސާރާ ވިދާޅުވީ އޭނަ ހުންނެވީ ގައުމާއި ރައްޔިތުންނަށް ހިދުމަތްކޮށް ދެއްވުމުގެ ރޫހާއި އަޒުމާއި ޖޯޝުގައި ކަމަށެވެ. އަދި އޭނަގެ ކުރިމަގު ވެސް ގުޅިފައި އޮތީ ގައުމަށް ހިދުމަތް ކުރެއްވުމުގައި ކަމަށްވާތީ 2028 ގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.