ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެކީގައި ބާއްވަން ފެނޭތޯ ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ތައްޔާރުވާކަން އިއުލާންކޮށްފި އެވެ.
މި ވޯޓް ނަގާނީ އަންނަ އެޕްރީލް މަހުގެ 4 ގައި ބާއްވާ ލޯކަަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ އެކީގަ އެވެ.
އީސީން ބުނީ ފެންނަ ނުފެންނަ ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ އަނެއް ދެ އިންތިހާބި ނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށް ފަހުގައި ކަމަށާއި ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާން ކުރާނީ އެޕްރީލް 11 ގައި ކަމަށެވެ.
އެހެންވެ އެ ވޯޓު ނެގުމުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު މިއަދުން ފެށިގެން އަންނަ މި މަހުގެ 22 ގެ މެންދުރު ފަހު 3:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' form.elections.gov.mv ނުވަތަ 'މައި ޕޯޓަލް' my.elections.gov.mv މެދުވެރިކޮށެވެ. އަދި މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ޗެކް ކުރުމަށް VR (Space) NID ޖެއްސެވުމަށް ފަހު 1414 އެސްއެމްއެސް ފޮނުވުމުން ޗެކް ކުރެވޭނެ އެވެ.