އައްޑޫ ހިތަދޫ 'ސްކޫޕް' ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޕްރޮސެކިއުތަ ޖެނެރަލް އޮފީހުން ހުށަހެޅި މައްސަލަ އަންނަ އާދީއްތަ ދުވަހު ހައި ކޯޓުގައި ފަށާ ގޮތަށް ހަމަޖައްސައިިފި އެވެ.
އެ މައްސަލަ ޕީޖީ ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 15 ގަ އެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12:50 ގައި އޮންނާނެކަން ހައި ކޯޓުން މިހާރު އޮތީ އަންގައިފަ އެވެ.
'ސްކޫޕް' ގްރޫޕަކީ ގޭންގެެއް ކަމަށް ކަނޑައެޅުމަށާއި އެ ގްރޫޕަށް ނިސްބަތްވާ މީހުންކަމަށް ފާހަގަވެފައިވާ ނުވަ މީހަކު އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެގޮތުން އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ 'އެސް ކޭ ޕީ ސްޕޯޓްސް ކްލަބް' އުވާލުމަށް ސްޕޯޓްސް ކޮމިޝަނަރުގެ މައްޗަށް އަމުރުކޮށް ދިނުމަށް ވެސް އެދިފައިވެ އެވެ. 'ސްކޫޕު' އަދި 'ސްކޫޕު ކަންމަތި'ގެ އިތުރުން 'އެސްކީޕީ' ލިޔެފައިވާ ފާރުތަކާއި އެންމެހާ ތަންތަނުން އެ ނަންތައް ފޮހެލުމަށް އައްޑޫ ކައުންސިލްގެ މައްޗަށް އަމުރުކޮށް ދިނުމަށް ވެސް ޕީޖީން ހުށަހެޅި މައްސަލައިގައިވެ އެވެ.
މިއީ މިދިޔަ އަހަރު އޮގަސްޓްގައި އަމަލު ކުރަން ފެށި 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'ގެ ދަށުން ވަކި ގްރޫޕެއް، ގޭންގެއް ކަމަށް ކަނޑައެޅުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.