ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ހުރިހާ ލޯނުތަކެއް އިސްލާމީ ޝަރީއާގެ އުސޫލުތަކުުގެ ތެރެއަށް ފެތޭ ލޯނުތަކަށް ބަދަލުކުރުމުގެ ފުރުސަތު އެސްއެމްއީ ޑިޖިޓަލް އިން ހުޅުވާލައިފި އެވެ.
ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސަބްސިޑަރީއެއްގެ ގޮތުގައި ހިންގަމުން އަންނަ އެސްއެމްއީ ޑިޖިޓަލް އިން ބުނީ މާލީ ހިދުމަތްތައް އިސްލާމީ އުސޫލުގެ ތެރެއަށް ފެެއްތުމުގެ މަސައްކަތް ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު ފަށާފައިވާ އިރު، އެ މަސައްކަތުގެ ތެރެއިން މިހާރު އެ ކުންފުނިން ލޯނު ނަގާފައިވާ ފަރާތްތަކުގެ ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކު ރުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވައިލީ، އެކި ސަބަބުތަކާ ހުރެ ލޯނު އަނބުރާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް ކަމަށެވެ.
އަދި އެ ފުރުސަތުގައި ލޯނުތައް އިސްލާމީ އުސޫލާ އެއްގޮތް މާލީ ހިދުމަތަކަށް ބަދަލު ކުރުމަށް އެދުނު ފަރާތްތަކުގެ ތެރެއިން ވަރަށް ގިނަ ފަރާތްތަކެއްގެ ލޯނުތައް ޝަރުއީ މިންގަނޑަށް ފެތޭ މާލީ ހިދުމަތްތަކަށް މިހާރު ބަދަލުކުރެވިފައި ވާނެ ކަމަސް ވެސް ބުންޏެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނީ އެތަނުން ދޫކޮށްފައިވާ ހުރިހާ ލޯނެއް އިސްލާމީ އުސޫލުން ދޭ މާލީ ހިދުމަތަކަށް ބަދަަލުކުރުމުގެ ފުރުސަތު ހުޅުވައިލުމުން، އެ ކުންފުނީގެ ކަސްޓަމަރުންނަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށެވެ.
އެގޮތުން ލޯނުތައް އިސްލާމީ މާލީ ހިދުމަތަކަށް ބަދަލުކުރާއިރު، މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ އަދަދު މަދުކުރުމާއި، ފައިސާ ދައްކައި ހަލާސްކުރުމަށް ލިބޭ މުއްދަތު އިތުރުކުރުން ފަދަ ލުއިތައް ލިބޭނެ ކަމުގައި އެ ކުންފުނިން ބުނެއެވެ.
އޭގެ އިތުރަށް ގަވާއިދުން ފައިސާ ނުދެއްކި ހުރި ލޯނުތައް ރެގިއުލަރައިޒްކޮށް އޮންނަ އާއްމު އުސޫލުގެ ތެރެއިން އިސްލާމީ މާލީ ހިދުމަތެއްގެ ގޮތުގައި ހަމަޖައްސައި ފައިސާ ދައްކަން ފެށުމުގެ ފުރުސަތުވެސް މި ބަދަލުގެ ސަބަބުން ފަހިވާނެ އެވެ.
އެސްއެމްއީ ޑިޖިޓަލްއިން ބުނި ގޮތުގައި އެ ކުންފުނިން ލޯނު ނެގި ފަރާތްތަކުގެ ތެރެއިން އިސްލާމީ މާލީ ހިދުމަތަކަށް ލޯނު ބަދަލުކުރުމުގެ ދައުވަތު ލިބިފައި ނުވާ ހުރިހާ ފަރާތްތަކަށް، އެސްއެމްއީ ޕޯޓަލު މެދުވެރިކޮށް އެ ދައުވަތު ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެ ދައުވަތު ގަބޫލު ކުރުމުން، ލޯނު އިސްލާމީ މާލީ ހިދުމަތަކަށް ބަދަލުކުރުމުން އަންނާނޭ ބަދަލުތަކާ ގުޅޭ މައުލޫމާތު ހިދުމަތް ހޯދި ފަރާތަށް ގުޅައިގެން ދެމުން ދާނެ އެވެ.