މާލެ ސަރަހައްދުގައި ހުރި މިސްކިތްތަކުގެ ތެރެއިން 800 މީހުންގެ ޖާގައިގެ މިސްކިތްތައް އޭސީކޮށް ނިންމައި ބޭނުންކުރަން ފަށައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީ ކުރުމަށް ސަރުކާރުން ފެށި މަޝްރޫޢުގެ ދަށުން މާލޭގައި ހުރި 4 މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި ރަމަޟާން މަސް ފެށުމުގެ ކުރިން އޭސީ ކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތަށް، އެ 4 މިސްކިތް އޭސީކޮށް ނިންމާ ރެއިން ފެށިގެން ވަނީ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
އެ މިސްކިތްތަކަކީ، ފުރުޤާން މިސްކިތް، ޖަލާލުއްދީން މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް އަދި ހުޅުމާލެ ޢުމަރު ބިން ޚައްޠާބު މިސްކިތް ކަމަށް ހީނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ވޭތުވެ ދިޔަ އަހަރު 74 މިސްކިތާއި 7 އިސްލާމީ މަރުކަޒާއި 3 ޤުރުއާން މަރުކަޒާއި 6 ވަގުފް ބިނާއާއެކު މުޅި އެކު 90 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ ތެރެއިން ހއ. ދިއްދޫ އިސްލާމިކް ސެންޓަރާއި 10 ރަށެއްގެ މަސައްކަތް ނިންމާ ހުޅުވި ކަމަށް ރައީސް ވިދާޅުވި އެވެ.
މިއަހަރު ތެރޭ ދައުލަތުގެ ބަޖެޓުން ހަރަދުކޮށް ރާއްޖޭގެ އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރެއިން 3 މަރުކަޒެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ވަނީ ސޮއިކޮށްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު މިއަހަރު އިތުރު 17 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.