اَلْحَمْدُ لِلَّهِ
ޒައިދު ބުނު ޚާލިދު އަލްޖުހަނީ ވިދާޅުވިއެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ، غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا
މާނައީ:”ރޯދަވެރިއަކަށް ރޯދަވީއްލުމެއް ދީފި މީހަކަށް، ރޯދަވެރިޔާއާ އެއްފަދަ އަޖުރު ހުއްޓެވެ. އެއީ ރޯދަވެރިޔާގެ އަޖުރުން އެއްވެސް މިންވަރެއް އުނިވުމަކާއި ނުލައެވެ.“
ޝައިޚުލް އިސްލާމް ވިދާޅުވެފައިވެ އެވެ.
”ރޯދަވީއްލުން ދިނުމުގެ މުރާދަކީ އެނާއަށް ފުދޭނެ މިންވަރަށް (ކާން) ދިނުމެވެ.“
މީހުންނަށް ކާންދިނުމަކީ ސަލަފުންގެ ބޭކަލުން ވަރަށް ބޮޑަށް ސަމާލުކަންދެއްވި ކަމެކެވެ. އަދި އެއީ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމުގައި އެބޭކަލުން ދެކެވަޑައިގެންނެވިއެވެ.
ބައެއް ސަލަފުންގެ ބޭކަލުން ވިދާޅުވެފައިވެއެވެ.
”ދިހަ މީހުންނަށް ދަޢުވަތުދީގެން ކާންދިނުން، އިސްމާޢީލްގެ ދަރިންގެ ތެރެއިން 10 އަޅުން މިނިވަން ކުރުމަށްވުރެ ތިމަންގެ ގާތުގައި ލޮބުވެތިކަން ބޮޑުވެގެންވެ އެވެ.“
ސަލަފުންގެ ބޭކަލުންގެ ތެރެއިން ގިނަ ބޭކަލުން، އެބޭކަލުންގެ ރޯދަވީއްލުން އެހެން ބޭކަލުންނަށްޓަކައި ދޫކޮށްލައްވައެވެ. އޭގެ ތެރޭގައި ޢަބްދުﷲ ބުނު ޢުމަރު رَضِيَ اللَّهُ عَنْهُمَا، ދާވޫދު އައްޠާއީ، މާލިކު ބުން ދީނާރު އަދި އަޙްމަދު ބުނު ޙަންބަލް ހިމެނިވަޑައިގަންނަވައެވެ. އަދި އިބްނު ޢުމަރު، ޔަތީމުންނާއި މިސްކީނުންނާއި އެކު މެނުވީ ރޯދަނުވީއްލަވައެވެ.
އަދި ސަލަފުންގެ ބޭކަލުން ރޯދައަށް ހުންނަވާ ޙާލު އެބޭކަލުންގެ އަޚުންނަށް ކާންދިނުމާއި ޚިދުމަތް ކުރެއްވުމުގައި ތިއްބަވައެވެ. އޭގެ ތެރޭގައި އަލްޙަސަން އަދި އިބްނުލް މުބާރަކު ހިމެނިވަޑައިގަންނަވައެވެ.
އަބޫ އައްސިވާރު އަލްޢަދަވީ ވިދާޅުވެފައިވެ އެވެ.
”ބަނޫ ޢަދީގެ ފިރިހެނުން ނަމާދުކޮށް އުޅުނީ މި މިސްކިތުގައެވެ. އޭގެ ތެރެއިން އެއްވެސް މީހަކު އެކަނި ރޯދަނުވީއްލައެވެ. އެކީ ރޯދަވީއްލާނެ މީހަކުވެއްޖެ ނަމަ ރޯދަވީއްލަނީ އެމީހަކާ އެކުއެވެ. ނޫން ނަމަ ކާއެއްޗެހި ހިފައިގެން މިސްކިތަށް އައިސް މީސްތަކުންނާ އެކު ކައިބޮއި އުޅެއެވެ. އަދި މީސްތަކުން އެމީހުންނާ އެކު އެވެ.“
މީސްތަކުންނަށް ކާންދިނުމުގެ އަޅުކަމަކީ އޭގެ ސަބަބުން ގިނަ އެހެން އަޅުކަންތަކަކަށް މަގުފަހިކުރުވާ ކަމެކެވެ. އޭގެ ތެރޭގައި ކާއެތި ދެވޭ މީހުންނާމެދު ލޯތްބާއި ރަޙްމަތްތެރިކަން އުފެދުން ހިމެނެއެވެ. ފަހެ މީގެ ސަބަބުން ސުވަރުގެ ވަނުމަށް މަގުފަހިވެގެންދެއެވެ. އެހެނީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެ އެވެ.
لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا
މާނައީ:”ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ސުވަރުގެ ނުވަންނަ ހުށްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކުދެކެ ލޯބިވެއްޖައުމަށް ދާންދެން އީމާންވިކަމުގައި ނުވާނެ އެވެ.“
އަދި ހަމަ އެހެންމެ ޞާލިޙުންނާއި އެއް މަޖިލީހެއްގައި އިށީނުމާއި އަދި ތިބާގެ ކާތަކެތިން ލިއްބައިދޭ ބާރުގެ ސަބަބުން އެ މީހުންނަށް އަޅުކަންތައްތައް ކުރުމުގައި ވާޤިވެރިވެ، އެކަމުން ތިބާއަށް އަޖުރު ޙާޞިލުވުން ހިމެނެ އެވެ.
މަޞްދަރު: ދިސަލަފިއްޔާ