ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާ ގުޅޭގޮތުން ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އާއި ތުރުކީގެ ހެލްތު މިނިސްޓަރު ޕްރޮފެސަރ ޑރ. ކެމާލް މެމިޝޯލު މަޝްވަރާކުރައްވައިފި އެވެ.
މި ބައްދަލުވުން ބޭއްވީ އަންކާރާގައި ހުންނަ ހެލްތު މިނިސްޓްރީގެ މައި އޮފީހުގަ އެވެ.
މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާމެދު ސަފީރު ޢަބްދުއްރަޙީމް އާއި ތުރުކީގެ ހެލްތު މިނިސްޓަރު ޕްރޮފެސަރ މެމިޝޯލު މަޝްވަރާކުރައްވާފައިވެ އެވެ. މީގެއިތުރުން، ތުރުކީ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން ދެއްވާ އެހީތެރިކަމަށް ސަފީރު ޢަބްދުއްރަޙީމް ވަނީ ޝުކުރު އަދާކުރައްވާ ފައެވެ.
މި ބައްދަލުވުމުގައި ތުރުކިޔޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި މޯލްޑިވްސް–ތުރުކިޔޭ އިންޓަރޕާލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ ޗެއަރޕަރސަން އޮނަރަބަލް ޑޮކްޓަރ އުއްމުގުލްޝެން އޮޒްޓަރކް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ސަފީރުގެ އަރިހުގައި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ، އަލްފާޟިލް ޢަބްދުލްވާރިޘް ސަޢީދު އާއި އެމްބަސީގެ ފަސްޓް ސެކްރެޓަރީ އަލްފާޟިލާ އާމިނަތު ޝަޒްލީ ސަލީމް ބައިވެރިވެވަޑައިގެންނެވި އެވެ.