އިނގިރޭސި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ވުލްވްސް އިން ފަހަތުން އަރައި، ލީގުގެ އެއް ވަނައިގައި އޮތް އާސެނަލްއާ 2-2 އިން އެއްވަރުކޮށްފި އެވެ.
ރޭގެ މެޗުން މޮޅުވެ، ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު އޮތް އާސެނަލަށް އޮތެވެ. މި ނަތީޖާއާއެކު އާސެނަލް އެއްވަނައިގައި މިހާރު އޮތީ 27 މެޗުން 58 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 26 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަށް 26 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 26 މެޗުން 45 ޕޮއިންޓް ލިބިފައިވެ އެވެ.
ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފަސް ވަނަ މިނިޓްގައި ޑެކްލަން ރައިސް ދިން ބޯޅައަކުން އާސެނަލަށް ލީޑުނަގައިދިނީ ބުކާޔޯ ސަކާ އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު އާސެނަލްގެ ޑިފެންޑަރު ޕިއޭރޯ ހިންކަޕިއޭގެ ގޯލުން އާސެނަލުން ލީޑު ފުޅާކުރި އެވެ.
އާސެނަލުން ދެ ގޯލުގެ ލީޑެއް ނެގިތާ ފަސް މިނިޓް ތެރޭ، މެޗުގެ 61 ވަނަ މިނެޓްގައި ވުލްވްސްގެ ހޫގޯ ބުއޭނޯ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީފަ އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އޭރިއާ ރޮނގުމަތީގައި ހުރެ ފޮނުވާލު ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ.
ވުލްވްސް އިން ނަތީޖާ އެއްވަރުކުރީ އިތުރު ވަގުތުގެ ހަތަރު ވަނަ މިިނިޓްގައި، ޓޮމް އިޑޯޒީގެ ގޯލުންނެވެ. މިއީ އާސެނަލްގެ ކީޕަރު ޑޭވިޑް ރަޔާ އަތުން ބޯޅަ ވެއްޓުމުން ލިބުނު ފުރުސަތެއްގައި ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު، ވުލްވްސް އަށް 27 މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.