މި ރޯދަމަހުގައި ދުނިޔޭގެ މުސްލިމް ތަކުން ރޯދަ ހިފައި އަޅުކަމާއި މަޝްޣޫލު ވީ ވަގުތު ޝައިޠާނީ ޒަޔަނިސްޓް އިސްރާއީލާއި އެމެރިކާ އާއި އެމީހުންގެ ބައިވެރިން އިސްލާމީ އުއްމަތަށް ޙަމަލާ ދޭން އަނެއްކާ ތައްޔާރުވެއްޖެ އެވެ.
އުންމަތުގެ މިނިވަންކަން މިޒަމާނުގައި ރަމްޒުކޮށްދޭ އީރާނަށެވެ. އަދި ފުނޑުފުނޑުކޮށްލާފައިވާ އެހެނަސް ހިތްވަރު ގަދަ، އީމާންތެރި ޣައްޒާއަށެވެ. އީރާނަށް މަޖުބޫރު ކުރީ ހަތިޔާރު ބަހައްޓައި، ފަލަސްޠީނަށާއި ރެސިސްޓެންސް ބާރުތަކަށް އެހީވެދިނުން ހުއްޓާލައި ވަށަވަށައިގެން އެތިބި އެއްވެސް ކަމެއް ދަމެއް ނެތް، ޣަދަރުވެރި ޢަރަބި ގައުމު ތަކުގެ ބީދައިން އިސްރާއީލާއި އެމެރިކާގެ އަޅަކަށް ވެގަތުމަށެވެ.
ނޫން ނަމަ ޝައިޠާނީ ބާރުތައް އެއްވެގެން ކުރާ ބޮޑު ހަނގުރާމަޔަކާއި ކުރިމަތިލުމަށެވެ. އީރާނުން އިޚުތިޔާރު ކުރީ ފަހުން މިބުނެވުނު ގޮތެވެ.

އީރާނުން ކުރިމަތިލާން ޖެހިފައިވަނީ "އެގްސިސްޓެންޝަލް" ނުވަތަ ދެމިއޮތުމާއި ނުއޮތުމުގެ ހަނގުރާމަޔަކަށެވެ. އެފަދަ ހަނގުރާމައެއްގައި އީރާން ވެސް ހިމޭނަކުން ނޯންނާނެއެވެ.
ހަނގުރާމައިގެ "ރެޓޮރިކް" ނުވަތަ ދުޝްމިނުން ޖެހިލުން ކުރުވުމަށް ފަތުރާ ޚަބަރު ތަކުގައި އީރާނުގައި މާ ވަރުގަދަ ހަތިޔާރު ތަކެއް ހުރި ކަމުގައި ދެއްކިޔަސް އީރާނަކީ އެމެރިކާ އާއި އަދި އެއާއި ގުޅިފައިވާ ޝައިޠާނީ ބާރުތައް ބަލިކުރެވޭފަދަ މިލިޓަރީ ބާރު ހުރި ގައުމެއް ނޫނެވެ. އިސްރާއީލަށާއި އެމެރިކާގެ ބާރުތަކަށް ބޮޑެތި ގެއްލުން ތަކެއް ދެވިދާނެއެވެ.
އީރާނުގައި ވަރުގަދަ މިސައިލް ކޮށާރުތައް އެބަ ހުރިކަން ވަނީ 12 ދުވަހުގެ ހަނގުރާމައިން ފެނިފައެވެ. މީގެ އިތުރުން، އީމާން ކަމާއި، ކެރުމާއި ހިތްވަރަކީ އީރާނުގައި މަދު އެއްޗެއް ނޫނެވެ. ނަމަވެސް މިފަދަ ބޮޑު ކުރިމަތި ލުމެއްގައި އީރާނަށް ޙަގީގީ މަދަދެއް ދޭނޭ ނުވަތަ ދެވޭނޭ އެއްވެސް ގައުމެއް ނެތެވެ.
ރަޝިޔާ އާއި ޗައިނާ އިން އީރާނަށް ހަތިޔާރާއި ޓެކްނޮލޮޖީގެ ގޮތުން އެހީތެރި ވެދިނަސް ހަނގުރާމަޔަކަށް ނުވަންނާނެއެވެ. ކާރީގައި ތިބި ޢަރަބި ޑިކްޓޭޓަރޝިޕް ތަކުން ތިބޭނީ އީރާނާއި ދެކޮޅަށެވެ. އެތަންތަނުގެ ބިންތައް މިހާރުވެސް ފުރިފައިއެވަނީ އެމެރިކާގެ މިލިޓަރީ ބޭސް ތަކުންނެވެ. އެތަންތަނުގެ ރައްޔިތުންނަށް ވިސްނައިދޭނީ ޝައިޠާނީ ޒަޔަނިސްޓު ޔަހޫދީންނަށްވުރެ ޝިޔަޢީ މުސްލިމުން މާ ނުބައި ކަމަށެވެ! އެއީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ތުރުކީ ސުންނީ މުސްލިމުންނަކީ ޙަރުބީ ކާފަރު ކްރިސްޓިއަން އިނގިރޭސިންނަށް ވުރެ މަގުފުރެދުން ބޮޑު ބައެއް ކަމުގައި (!) ފަތުވާ ދިން ފިކުރީ ފިރުގާ އެވެ.

ރޯދަމަހުގެ ތެރޭގައި މުސްލިމުންނަށް ގޯނާކޮށް ގެއްލުން ދިނުމަކީ ޒަޔަނިސްޓުން އާދަވެގެން ކުރަމުން އަންނަ ކަމެކެވެ.
ދުޢާއަކީ މި ނުބައި ޝައިޠާނީ ބާރުތަކާއި އެމީހުންގެ ބައިވެރިންގެ ރޭވުންތައް ބޭކާރު ކުރައްވައި ހަނގުރާމައިގެ ވިލާތައް ވިއްސިވިހާލި ކުރައްވައި އެމީހުން ބަލި ކުރައްވައި، ޝަހާދަތުގެ ދެ ކަލިމަފުޅު މަތީގައި އިސްލާމީ އުންމަތް އެއްގަލަކަށް އަރުއްވައި އިސްލާމުންނަށް ނަޞްރު ދެއްވުމެވެ.
ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.