Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

ޒުވާނުން ބިނާކުރަން ތާޖުއާ އެކު އެއްބަސްވުމެއް

އެކި ދާއިރާތަކުން މަސައްކަތްތެރި ޒުވާނުން ބިނާކޮށް ވަޒީފާގެ ބާޒާރަށް ނެރުމަށް ކުރިއަށް ގެންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޔޫތު މިނިސްޓްރީން ތާޖް މޯލްޑިވްސް ރިސޯޓްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި އިއްޔެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ޝައްމާނެވެ. ތާޖް މޯލްޑިވްސްގެފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު އޮފް ހިއުމަން ރިސޯސަސް ސްރިނިވާސް އިންދުކުރީ އެވެ.

މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ތަމްރީނުވާ ޒުވާނުންނަށް ރިސޯޓުން މަސައްކަތުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑާޑްތަކާ އެއްގޮތަށެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާ، މާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެ އެވެ.