Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

ނޯތު ހާބަރު އުޅަނދުތަކަށް އަލުން ހުޅުވާލައިފި

ބޮޑުތަކުރުފާނުން މަގުން ބާޒާރުމަތި ސަރަހައްދުގެ މަގު ތަރައްގީކުރުމުގެ މަސައްކަތަށް ހުސްކުރި ނޯތު ހާބަރު ސަރަހައްދު އަލުން ކަނޑު އުޅަނދުފަހަރަށް ހުޅުވާލައިފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ބުނީ ސަރަހައްދު ހުޅުވައިލީ ރޭ 11:00 ގައި ކަމަށެވެ. މި ސަރަހައްދަކީ މައިގަނޑަކަށް މާލެ އާއި އަތޮޅުތަކާ ދެމެދު މުދާ އުފުލާ ބޯޓްތަކާއި މަސްދޯނި ފަހަރު ވެސް ބޭނުންކުރާ ސަރަހައްދެވެ

އެމްޕީއެލުން ބުނީ އެ ސަރަހައްދުގައި ބަނދަރު ކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދުފަހަރަށް އެކަނި ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް ދޭއްގެ މަސައްކަތައް ނޯތު ހާބަރު ސަރަހައްދުގައި ހުސްކުރީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އަދި އެ ސަަރަހައްދު އަލުން ހުޅުވައިލީ ބާޒާރުމަތީގެ މަގު ފުޅާކޮށް، ޖާގަ ތަނަވަސްކުރަން ފެށި މަސައްކަތް ނިންމާލައި ބޭނުން ކުރަން ފެށުމާ ގުޅިގެންނެވެ.

ތިން ފިޔަވައްސަކަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ދެން އޮތީ ފަހު ސެގްމަންޓެވެ. އެއީ ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގެ މަސައްކަތެވެ. އެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ އެވެ.