އަންނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު 'ވަރަނަސީ' އަކީ ފިލްމީ ކެރިއަރަށް ވަރަށް ބޮޑު ބަދަލެއް ގެނުވައި ދޭނެ ފިލްމަކަށްވާނެކަމުގެ ޔަގީންކަން އޮތް ކަމަށް މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.
މި މަހުގެ 25 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭން ހަމަޖެހިފައިވާ އޭނަގެ އެންމެ ފަހުގެ ހޮލީވުޑްގެ ފިލްމު 'ދަ ބްލަފް' ޕްރީމިއާ ކުރަން އިއްޔެ ރޭ ލޮސް އެންޖެލިސްގައި ބޭއްވި އިވެންޓްގައި މީޑިއާތަކާ ވާހަކަ ދައްކަމުން ހުނަރުވެރި ބަތަލާ ބުނީ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމާ މެދު ވަރަށް އުފަލުން ހުރި ކަމަށެވެ.
ޕްރިޔަންކާ ބުނި ގޮތުގައި 'ބާހްބަލީ' އާއި 'އާރްއާރްއާރް' ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރަކީ މިހާރު އިންޑިއާގައި ހުރި އެންމެ ވަރުގަދަ ޑައިރެކްޓަރެވެ.
"އެހެންވެ އަހަރެން ގަބޫލު ކުރަނީ އޭނައާ އެކު މަސައްކަތް ކުރަން ލިބުނު ފިލްމަކީ އަހަރެންގެ ފިލްމީ ކެރިއަރަށް ވަރަށް ބޮޑު ބަދަލެއް ގެންނާނެ ފިލްމަކަށް ބާނެ ކަމަށް،" އޭނަ ބުންޏެވެ. "ވަރަށް ބޮޑެތި އުންމީދުތަކެއް ވެސް ކުރެވޭ ފިލްމެއް މިއީ."
އަންނަ އަހަރުގެ އެޕްރީލް 7 ގައި ސިނަމާތަކަށް ތާވަލުކޮށްފައިވާ ވަރަނަސީ އަކީ އެކްޝަން އެޑްވެންޗާއެކެވެ. މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫ ބަތަލުގެ ރޯލުން ފެންނާނެ ފިލްމުގައި ޕްރިޔަންކާގެ ކެރެކްޓާ އަކީ މަންދާކިނީ އެވެ. 'ވަރަނަސީ' އަކީ 2019 ގެ 'ދަ ސްކައި އިޒް ޕިންކް' އަށް ފަހު އޭނަ ކުޅުނު ފުރަތަމަ އިންޑިއާގެ ފިލްމެވެ.
ކަނޑުފޭރޭ މީހެއްގެ ރޯލު ޕްރިޔަންކާ ކުޅެފައިވާ 'ދަ ބްލަފް' އަކީ ފްރޭންކް އީ ފްލާވާސް ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ.