އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ކެތު ލެބުން މިހާތަނަށް 16 މީހަކަށް ފަރުވާ ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެތަނުގައި އެ ހިދުމަޔް ފެށީ މިދިޔަ މަހުގެ 28 ގަ އެވެ. އަދި ކެތު ލެބްގެ ހިދުމަތް ދެމުން އަންނަނީ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗާ ހަވާލުކޮށްގެންނެވެ.
އޭއީއެޗުން ބުނި ގޮތުގައި އެތަނުން މިހާތަނަށް 16 މީހަކަށް ފަރުވާ ދީފައިވާ އިރު، އޭގެ ތެރެއިން ހަތް މީހަކަށް ސީއޭޖީ/އެންޖިއޯ ޕްލާސްޓީ ހަދާފައިވާ އިރު، ނުވަ މީހަކަށް ސީއޭޖީ ހަދާފައިވާ ކަމަށެވެ.
އެންޖިއޯގްރަފީއަކީ، ބަލި ދެނެގަތުމަށް ކުރާ ޓެސްޓެކެވެ. މި ޓެސްޓަށް އަތުގެ ކުޑަހުޅުން ނުވަތަ އުކުޅުވަޅުން ހިމަ ހޮޅިއެއް (ކެތީޓާ) އެތެރެ ކުރެވެ އެވެ. އެއަށްފަހު ހިތުގެ ލޭހޮޅިތަކަށް (ކޮރޮނަރީ އާޓަރީޒް) ޑައި އެއް ފޮނުވައި، އެކްސް-ރޭ ފޮޓޯ ނަގައިގެން ލޭހޮޅިއެއް ބެދިފައިވޭތޯ ބަލަ އެވެ.
އެންޖިއޯ ޕްލާސްޓ އަކީ، ބައްޔަށް ދޭ ފަރުވާއެކެވެ. ލޭހޮޅިއެއް ބެދިފައިވާ ނަމަ، ބެލޫނެއް ފުއްޕައިގެން އެ ލޭ ހޮޅިއެއް ހުޅުވައިދެ އެވެ. އަދި ލޭ ހޮޅި ހުޅުވިފައި ބެހެއްޓުމަށްޓަކައި "ސްޓަންޓް" އެއް ލައްވައެވެ. މީގެ ސަބަބުން ހިތަށް ލޭ ދައުރުވުން ރަނގަޅުކޮށް ދެ އެވެ.