Last Updated: June 5, 20:43
Friday, June 5, 2026
މުނިފޫހިފިލުވުން

އިންދަރުގެ ދަރިފުޅު ނެރޭ ފިލްމު މެއިގައި

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު އިންދަރު ކުމާރުގެ ދަރިފުޅު އަމަން އިންދަރު ކުމާރު ތައާރަފުކުރާ ފިލްމު "ތެރެ ޔާރު ހޫނ މޭ" އަންނަ މެއި މަހުގެ 22 ގައި ރިލީޒް ކުރަން ނިންމައި، ފިލްމުގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

ދެހާސް ސައުވީހުގެ ފަހުކޮޅު ޝޫޓިން ފެށި މި ފިލްމަކީ މިލަޕް މިލަން ޒަވޭރީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އޭނަ އަކީ މިދިޔަ އަހަރު "އޭކް ދީވާނޭ ކީ ދީވާނީޔަތު" އާއި "މަސްތީ 4" ގެނެސްދިން ޑައިރެކްޓަރެވެ.

ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ތެރެ ޔާރު ހޫނ މޭ" ގެ ބަތަލާ އަކީ އަކަންކްޝާ ޝަރުމާ އެވެ. އަދި މީގެ ރޯލަކުން ތަޖުރިބާކާރު އެކްޓަރު ޕަރޭޝް ރާވަލް ވެސް ފެންނާނެ އެވެ.

އިންދަރުގެ ފިރިހެން ދަރިފުޅު ބޮލީވުޑަށް ތައާރަފު ކުރަން ތައްޔާރުވަމުން އަންނަ އިރު، އޭނަގެ އަންހެން ދަރިފުޅު ޝްވޭތާ ކުމާރު ވެސް ދެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2008 ގެ "ކަރްޒް" އާއި ބައްޕަ އިންދަރު 2014 ގައި ގެނެސްދިން ފިލްމު "ސުޕަ ނާނީ" އެވެ.

އިންދަރު އަކީ "ދިލް" އާއި "ބޭޓާ" އާއި "ރާޖާ" އާއި "މަން" އަދި "މަސްތީ" ފަދަ މަގުބޫލު ފިލްމުތަައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ޓޯޓަލް ދަމާލް" އެވެ. އަދި ކުރިއަށް އޮތް ފިލްމަކީ ޖުލައިގައި ގެނެސްދޭން ހަމަޖެހިފައިވާ ދަމާލް 4 އެވެ.