ރާއްޖޭގެ ލޯކަލް ޓޫރިޒަމްގައި އެންމެ ފާހަގަކޮށްލެވޭ ރަށް ކަމަށްވާ ކ. މާފުށީގައި އާ ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި އެ ރަށު ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ރަސްމީކޮށް ފަށައިފި އެވެ.
އެމްޑަބްލިއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ ދެ މަޝްރޫއު ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މި މަހުގެ 12 ގައި މި މަޝްރޫޢު އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައި ވަނީ 57.4 ރުފިޔާ އަށް 571 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މާފުށީ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ އެ ރަށު ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އައުޓް ފޯލް އެޅުމާއި އަދި ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ ވަރުގެ 02 އާރްއޯ ޕްލާންޓް ބެހެއްޓުމާއި، 3500 ޓަނުގެ ފެން ރައްކާ ކުރެވޭ ވަރުގެ 02 ޓޭންކު ބެހެއްޓުމާއި، ފެން މީޓަރުތައް ބަހެއްޓުމާއި، އައުޓްފޯލް އެޅުމުގެ އިތުރުން މި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމެވެ.
މި މަސައްކަތް ވެސް 571 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އަދި މަޝްރޫއުގެ އަގަކީ 129 މިލިއަން ރުފިޔާ އެވެ.