އަވަސް އަވަހަށް ޕޮލިސް ކޮމިޝަނަރުން ބަދަލުވުމަކުން ދިއުމަކީ ފުލުހުންގެ އިދާރާގައި ކުރަމުން އަންނަ ދިގު މުއްދަތުގެ އިސްލާހީ މަސައްކަތްތައް ހުއްޓިގެން ގޮސް، އާންމުންގެ މެދުގައި އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު އައި ފަހުން ދެ ސީޕީއާ އެކު ރިޓަޔަކުރެއްވުމާ ގުޅިގެން އޭނަ އާންމު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ އެއްވެސް ޕްރޮފެޝަނަލް ހިދުމަތެއްގެ އެންމެ މަތީ މަގާމުގައި ތިބޭ މީހުން އެހާ އަވަހަށް ބަދަލުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
ހަމީދު ވިދާލުވީ ފުލުހުންގެ ލީޑާޝިޕް ތަކުރާރުކޮށް ބަދަލުވަމުންދާ ނަމަ، ދިގު މުއްދަތުގެ އިސްލާހީ މަސައްކަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށެވެ. އަދި ސިޔާސަތުތަކުގެ އިސްކަންދޭ ތަރުތީބު ބަދަލުވެ، ވަގުތު ފާއިތުވަމުންދާ ވަރަކަށް، މީގެ ސަބަބުން އާންމުންގެ އިތުބާރު ގެއްލިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ފުލުހުންގެ މުއައްސަސާ ހިނގަމުން އަންނަނީ ގައުމީ މަސްލަހަތުގައިތޯ ނުވަތަ ސިޔާސީ މަންފާއަކަށްތޯ އާންމުންގެ މެދުގައި އެ ހިސާބުން ސުވާލު އުފެދޭ ކަމަށެވެ. އަދި ޑިމޮކްރަޓިކް އުސޫލުތަކާއި ހަމަތަކާ ދުރުވަމުންދާ ސަރުކާރަކުން އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނީ ސިޔާސީ ވިސްނުން އެއްގޮތް ކޮންޓްރޯލް ކުރެވޭނެ ފަދަ ކޮމިޝަނަރެއް ކަމަށް ހަމީދު ވިދާޅުވި އެވެ.
ނަމަވެސް ޑިމޮކްރަޓިކް ފުލުހުންގެ ހިދުމަތަކަށް ބޭނުން ވަނީ އެފަދަ ކޮމިޝަނަރެއް ނޫން ކަމަށް ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ ޕޮލިސް ކޮމިޝަނަރަކީ ޕްރޮފެޝަނަލް ގޮތުން ގާބިލު، ސިޔާސީ ގޮތުން ވަކިފަރާތަކަށް ނުޖެހޭ އަދި ސިޔާސީ ނުފޫޒުތަކަށް ނޫނެކޭ ބުނުމުގެ ގާބިލުކަން ހުރި މީހަކަށް ވާން ޖެހޭނެ ކަމަށެވެ.
"އެއީ އޭރަކު އޮންނަ ސިޔާސީ ބާރުތަކުގެ ބަދަލުގައި، ގާނޫނުއަސާސީއާއި ގާނޫނަށް ވަފާތެރިވުން ލާޒިމު މަގާމެއް." އޭނަ ވިދާޅުވި
ޕޮލިސް ކޮމިޝަނަރު އައްޔަން ކުރުމުގެ ބާރު ޕޮލިސް ބޯޑަށް އޮތަސް އެ ބޯޑުން އެ ބާރުތައް އަތުލައި ޕޮލިސް ބޯޑު ބަލިކަށި ކުރުމުގެ ވިސްނުމެއް މި ސަރުކާރުން ގެންގުޅެމުންދާ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.