Last Updated: June 5, 18:06
Friday, June 5, 2026
ރިޕޯޓް

ކުލަތައް ތަފާތު މޭވާ އާއި ތަރުކާރީ؛ ފައިދާ އަކީ ކޮބާ؟

މޭވާ އާއި ތަރުކާރީގެ ތަފާތު 5 ކުލައެއް އެކުލެވިގެންވެ އެވެ.

އޭގެ ކޮންމެ ކުލައަކަށް ޚާއްސަ މާއްދާތަކެއް އެކުލެވިގެންވާއިރު، މީގެ ސަބަބުން މި ތަކެތި ކެމުގައި ބޭނުން ކުރުމުން، ވިޓަމިންސް، މިނަރަލްސް ގެ އިތުރުން ގިނަ މާއްދާތަކެއް ލިބޭކަން ކަށަވަރުކޮށްދެ އެވެ.

މޭވާ އާއި ތަރުކާރީގެ ތަފާތު 5 ކުލަ އަކީ ނޫ އަދި ދަނބުކުލަ، ރަތްކުލަ، ރީނދޫ އަދި އޮރެންޖު ކުލަ، ފެހި ކުލަ، ހުދު އަދި މުށި ކުލަ އެވެ.

އެކި ކުލައިން ލިއްބަ އިދެނީ ކޮން ކަހަލަ ފައިދާ ތަކެއް؟

ކޮންމެ ކުލައެއްގެ މޭވާ އާއި ތަރުކާރީގައި ވެސް ފައިޓޯ ކެމިކަލްސް ނަމަކަށް ކިޔާ ބަލިތަކުން ރައްކާތެރި ކޮށްދޭ މާއްދާ ތަކެއް ހުރެ އެވެ. މި ފައިޓޯ ކެމިކަލްތަކަކީ މޭވާ، ތަރުކާރީގެ ފުރިހަމަ ރީތި ކުލަތައް ލިއްބައި ދިނުމުގެ އިތުރުން، އަހަރެމެންގެ ސިއްހަތަށް ގިނަގުނަ ފައިދާތަކެއް ކުރުވާ މާއްދާތަކެވެ.

ނޫ އަދި ދަނބުކުލަ:

އެންތޮ ސައިނިން އަކީ ބައެއް މޭވާ އާއި ތަރުކާރީގެ ތަފާތު ނޫ ކުލައާއި ދަނބު ކުލަތައް އުފައްދައިދޭ މާއްދާއެކެވެ. މި މާއްދާ ގެ ސަބަބުން، ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރި ކޮށްދީ، ކެންސަރާއި ސްޓޯކް އަދި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.

ރަތް ކުލަ:

ރަތް މޭވާ އާއި ތަރުކާރީގެ ކުލަ ލިބެނީ ލައިކޯޕީން ނަމަކަށް ކިޔާ ގުދުރަތީ މާއްދާއަކުންނެވެ. ލައިކޯޕީން އަކީ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭ ވަރުގަދަ އެންޓި-އޮކްސިޑެންޓެކެވެ.

ރީނދޫ އަދި އޮރެންޖު ކުލަ:

ރީނދޫ އަދި އޮރެންޖު ކުލައިގެ މޭވާ އާއި ތަރުކާރީގެ ކުލަ ލިބެނީ ކެރޮޓިނޮއިޑްސް ކިޔާ މާއްދާއަކުންނެވެ. މި މާއްދާ އަކީ ލޮލުގެ ފެނުން ރަނގަޅު ކޮށްދޭ މާއްދާއެކެވެ.

ފެހި ކުލަ:

ފެހި ކުލައިގެ މޭވާ އާއި ތަރުކާރީގައި ވިޓަމިން ސީ، ވިޓަމިން އޭ، ކެރޮޓިނޮއިޑްސް ފޮލޭޓް އަދި އިންޑޯލްސް ފަދަ ގިނަ ބާވަތްތަކެއްގެ ފައިޓޯ ކެމިކަލްސް އެކުލެވިގެންވެ އެވެ. މި މާއްދާތަކުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، ހަށިގަނޑުގެ އިންފްލެމޭޝަން ދަށްކޮށްދީ ކެންސަރުން ދިފާއުވުމަށް އެހީތެރިވެދެ އެވެ.

ހުދު ކުލަ އަދި މުށި ކުލަ:

ލޮނުމެދު ފަދަ ހުދު ކުލައިގެ ތަރުކާރީގައި ވައިރަސް އަދި ބެކްޓީރިއާ ފަދަ ޖަރާސީމުން ހަށިގަނޑު ދިފާއު ކުރުމަށް އެހީތެރިވާ މާއްދާތައް އެކުލެވިގެންވެ އެވެ.
ދޮންކެޔޮ، އަލުވި ފަދަ ހުދު ކުލައިގެ މޭވާ އަދި ތަރުކާރީ އަކީ އޭގައި ޕޮޓޭސިއަމް ގިނަ މިންވަރަކަސް އެކުލެވޭ. ޕޮޓޭސިއަމް އަކީ ލޭގެ ޕްރެޝަރު ދަށް ކުރުމަށް ވަރަށް މުހިންމު މާއްދާއެކެވެ.

އެކި ކުލައިގެ މޭވާ އާއި ތަރުކާރީ:

* ނޫ އަދި ދަނބުކުލަ: ބަށި، މޭބިސްކަދުރު، ރަތް ކެބެޖު، ރަންގު ކައްޓަލަ، ބީޓް ރޫޓް.
* ރަތް ކުލަ: ކަރާ، ޓޮމާޓޯ، ރަތް އާފަލު، ރަތް ބެލްޕެޕާ، ރަތް ޖަނބުރޯލް، އަންނާރު، ޑްރަގަން ފުރުޓް
* ރީނދޫ އަދި އޮރެންޖު ކުލަ: ދޮން އަނބު، ފަޅޯ، ކެރޮޓް، އޮރެންޖު، އަލަނާސި، ބަރަބޯ، ޒުވާރި، ޖުމްހޫރީ މޭވާ.
* ފެހި ކުލަ: މުރަނގަ ފަތް، ކަންކުން ފަތް، ކޫޅަށްފިލާ ފަތް، ބާމިއާ ތޮޅި، ފެހި އާފަލް، ފެހި ބެލްޕެޕާ، ތޮރާ، ލުނބޯ، ފެހި މިރުސް.
* ހުދު ކުލަ އަދި މުށި ކުލަ: ސަބުދެލި، ދޮންކެޔޮ، ކެބެޖު، އަލުވި، ބަނބުކެޔޮ، ދަނޑި އަލުވި، ލޮނުމެދު

މައުލޫމާތު: އެގްރިކަލްޗަ މިނިސްޓްރީ