މިދިޔަ ޑިސެންބަރު މަހު ރިލީޒްކުރި ކާތިކް އާރިއަނާއި އަނަންޔާ ޕާންޑޭގެ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" މިއަދު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލައިފި އެވެ.
ބެލުންތެރިންގެ ފިނި ތަރުހީބެއް ލިބުނު މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ސަމީރު ވިދުވަންސް ޑައިރެކްޓްކުރި ރޮމޭންޓިކް ކޮމެޑީއެކެވެ. "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަކީ ކާތިކް ދަރުމާ އަށް ކުޅުނު ފުރަތަމަ ފިލްމު ނަމަވެސް މިއީ ސަމީރާއި އަނަންޔާއާ އެކު އޭނަ މަސައްކަތްކުރި ދެވަނަ ފިލްމެވެ.
ސަމީރުއާ އެކު ކާތިކް މަސައްކަތްކުރި 2023 ގެ "ސަތިއަޕްރޭމް ކީ ކަތާ" އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. އަނަންޔާއާ އެކު ކާތިިކް ކުޅުނު ފުރަތަމަ ފިލްމަކީ 2019 ގެ "ޕަތީ ޕަތުނީ އޯރް ވޯ" އެވެ.
"ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ގެ ކާސްޓްގައި ޖެކީ ޝްރޮފާއި ނީނާ ގުޕްތާ އާއި ޓިކޫ ތަލްސާނިއާ އަދި ގްރޫޝާ ކަޕޫރް ވެސް ހިމެނެ އެވެ.
ކާތިކް މިހާރު އަންނަނީ ދަރުމާގެ ކްރީޗާ ކޮމެޑީ "ނާގްޒިއްލާ" ގެ މަސައްކަތް ކުރަމުންނެވެ.