Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ރޯދަމަހު ހާމަކަން ބޮޑުކޮށް ޓޫރިސްޓުންނަށް ކާންދިނުން ހުއްޓާލަންޖެހޭ

ރޯދަމަހު ހާމަކަން ބޮޑުކޮށް ޓޫރިސްޓުންނަށް ކާންދިނުން ހުއްޓާލަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބޭއްވި ފޯރަމްގައި ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ ރަމަޟާން މަހަކީ އިސްލާމީ އަގީދާއާއި، އިސްލާމީ ސަގާފަތާއި، އިސްލާމީ އުންމަތުގެ ވަރަށް މަތިވެރި މޫސުމެއްކަން ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަށާއި ވަކިން ހާއްސަކޮށް ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށްތަކުގައި އުޅޭ ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ.

އެގޮތުން ރެސްޓޯރެންޓް ފަދަ ތަންތަން ހުޅުވައިގެން ދުވާލު ވަގުތު ފަތުރުވެރިންނަށް ކާންދިނުމާއި، ހާމަކަން ބޮޑު ގޮތެއްގައި އެކަންކަން ކުރުން ހުއްޓާލަންޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ފަތުރުވެރި ޣައިރު މުސްލިމުންނަށް މެހުމާންދާރީ ނުވަތަ ފަތުރުވެރިކަމުގެ ހިދުމަތް ދޭނަމަ އެ މީހުންނަށް ހާއްސަ އިންތިޒާމެއް އެ މީހުން ދިރިއުޅޭ ތަނުގެ ތެރޭގައި، އާންމުންނަށް ނުފެންނަހެން އިންތިޒާމް ކުރެވިދާނެ،" ޝަހީމް ވިދާޅުވި އެވެ.

ރަމަޟާން މަހުގެ މަތިވެރިކަމާއި ހުރުމަތަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް އެކަންކަން ކުރިއަށް ގެންދިއުމަކީ އެއްވެސް ހާލެއްގައި ހުއްދަވާނެ ކަމެއް ނޫން ކަމަށް ޝަހީމް ވިދާޅުވި އެވެ.

މިކަމާ ބެހޭގޮތުން ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ރަށްރަށުގެ ކައުންސިލްތަކުން ތަންފީޒު ކުރަންޖެހޭނެ ކަމަށާއި އަދި އެ ގަވާއިދުތަކަށް ވުރެ އަގީދާގެ މަތިވެރިކަން މާބޮޑުކަން ޝަހީމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ދީނަށް ވުރެ ވަކި މުހިންމު ކަމެއް އަޅުގަނޑުމެންނަށް އޮވެގެން ނުވާނެ. މިކަންކަމުގެ ހުރުމަތްތެރިކަން ކެނޑި ހިނގައްޖެ ކަމުގައިވާނަމަ، ހެދިބޮޑުވަމުން އަންނަ ޖީލުތަކުގެ ހިތްތަކުގައި އިސްލާމްދީނާ މެދު އޮންނަ ހައިބަތާއި ގަދަރާއި ކަރާމަތް ނެތިގެން ހިނގައިދާނެ،" ޝަހީމް ވިދާޅުވި އެވެ.