މަރުވެފައިވާ އެމެރިކާގެ ބޮޑު ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅުން ބާއްވައި ދައުލަތުގެ ސިއްރު ލިޔެކިޔުންތަކެއް ވެސް އޭނައާ ހިއްސާކުރެއްވި މައްސަލައިގައި އިއްޔެ ހައްޔަކުރި އިނގިރޭސިވިލާތުގެ ކުރީގެ ޕްރިންސް އެންޑްރޫ މައުންޓްބެޓެން-ވިންޑްޒާ ދޫކޮށްލައިފި އެވެ.
އޭނަ އަކީ އެ ގައުމުގެ ރަސްގެފާނު ޗާލްްސްގެ ކޮއްކޯފުޅެވެ.
އިނގިރޭސި ފުލުހުން ބުނިގޮތުގައި އެންޑްރޫ ހައްޔަރުކުރީ ދައުލަތުގެ މަގާމެއްގައި ހުރެ ހިންގާފައިވާ ނޭދެވޭ އަމަލުތަކެއްގެ ތަހުގީގަކާ ގުޅިގެން ކަމަށެވެ. ފުލުހުން އިއްޔެ ވަނީ ބާކްޝަޔާ އާއި ނޯފޯކްގައި ހުރި އެންޑްރޫއާ ގުޅުންހުރި ބައެއް ތަންތަން ބަލައި ފާސް ވެސް ކޮށްފައެވެ. އޭނަގެ މައްޗަށް ކުރާ ތުހުމަތުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޓްރޭޑް އެންވޯއީއެއްގެ ގޮތުގައި 2001-2011 އަށް ހުންނެވި ދުވަސްވަރު، އެޕްސްޓީންއަށް ސިއްރު ލިޔެކިޔުންތަކެއް ހިއްސާކުރި ކަމަށް ބުނާ މައްސަލަ ހިމެނެ އެވެ.
ދާދި ފަހުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި އެޕްސްޓީން ފައިލްގައިވާ ގޮތުން އެންޑްރޫ އަކީ އެފްސްޓީންއާ ވަރަށް ގާތް ގުޅުމެއް ބާއްވައި، އޭނަ ހިންގި ޖަރީމާތަކުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ތެރެއިން އެކެކެވެ.
ކޮއްކޯފުޅު ހައްޔަރުކުރި ހާދިސާއާ ގުޅިގެން ރަސްގެފާނު ޗާލްސް ނެރުއްވި ބަޔާނެއްގައި ވަނީ، ގާނޫނު ތަންފީޒު ކުރުމުގައި ހުރިހާ މަރުހަލާއެއް ފުރިހަމަ އަށް ކުރިއަށް ދާންޖެހޭނެ ކަމަށާއި ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ފުލުހުން އެންޑްރޫ، 66، ދޫކޮށްލީ ރޭގެ ވަގުތެއްގަ އެވެ.