މި އަހަރު އިންޑިއާގެ ސިނަމާ އަށް އަންނަން ހުރި އެންމެ ވަރުގަދަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޓޮކްސިކް" ގެ އާ ޓީޒާއެއް މިއަދު ދައްކާލައިފި އެވެ.
އަންނަ މަހުގެ 19 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމަކީ މަޝްހޫރު ކަންނާޑާ އެކްޓަރު ޔާޝް ބަތަލުގެ ރޯލު ކުޅެފައިވާ ޕީރިއަޑް ގޭންސްގްޓާ ފިލްމެކެވެ. ޔާޝް އަކީ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ކޭޖީއެފް" ގެ ބަތަލެވެ. "ޓޮކްސިކް" އަކީ 2022 ގައި ރިލީޒްކުރި "ކޭޖީއެފް: ޗެޕްޓާ 2" އަށް ބެލުންތެރިންނާ ހަމައަށް އަންނަ އޭނަގެ ފުރަތަމަ ފިލްމެވެ.
ގީތޫ މޯހަންސާސް ޑައިރެކްޓްކޮށްފައިވާ "ޓޮކްސިކް" އަކީ ބޮލީވުޑާއި ދެކުނުގެ މަސްހުނި ކާސްޓެއް ހިމެނޭ ފިލްމެކެވެ. އޭގެ ތެރޭގައި ކިއާރާ އަދުވާނީ، ރުކްމަނީ ވަސަންތު، ހޫމާ ގްރޭޝީ، ނަޔަންތަރާ، ތާރާ ސުތާރިއާ، ސުދޭވް ނައިރް، އަކްޝޭ އޮބެރޯއީ، ޓޮވިނޯ ތޯމަސް، ސުރްޖީތު ގޯޕީނާތު އަދި އަމިތު ތިވާރީ ހިމެނެ އެވެ.
ޖުމްލަ 600 ކްރޯޑް ރުޕީސް 66 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ "ޓޮކްސިކް" އަންނަ މަހުގެ 19 ގައި ސިނަމާތަކަށް ގެންނަ އިރު، އެ ދުވަހަކީ ވަރުގަދަ އެހެން ފިލްމެއް ވެސް ރިލީޒް ކުރަން އޮތް ދުވަހެކެވެ. އެއީ އިންޑިއާގެ މިދިޔަ އަހަރުގެ އެންމެ ބޮޑު ހިޓް ކަމަށްވާ އެކްޓަރު ރަންވީރު ސިންގުގެ "ދުރަންދަރު" ގެ ދެވަނަ ބައެވެ.
އެހެންވެ މާޗް 19 ވާނީ ބޮކްސް އޮފީހުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގާނެ ދުވަހެކެވެ.