Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ރައްކާތެރިކަން ދޭ އަމުރާ ގިނަ ބަޔަކު ހިލާފުވޭ

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، އަނިޔާ ލިބޭ މީހުންގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކު ރުމުގެ އަމުރާ ހިލާފުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ފުލުސބުނެފި އެވެ.

ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރަކީ، އަނިޔާގެ އަމަލު ތަކުރާރުވެދާނެކަމުގެ ބިރު އޮތް ހާލަތުގައި، އަނިޔާ ލިބޭ މީހާގެ ރައްކާތެރިކަމަށް ނެރޭ އަމުރެކެވެ.

ފުލުހުން ބުނީ މިދިޔަ އަހަރު ވެސް އެ އަމުރާ ހިލާފުވެގެން 99 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން 38 މީހަކު ހައްޔަރުކުރި ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އަމުރާ ހިލާފުވެއްޖެ ނަމަ ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރެވޭނެ އެވެ. އަދި އެފަދަ 24 މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް ބުންޏެވެ.

ކޯޓުތަކުން ނެރޭ އެފަދަ އަމުރުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކޮށް ފުލުހުން ބުނީ އަމުރާ ހިލާފު އެއްވެސް އަމަލެއް ހިނގާ ނަމަ، ލަސްނުކޮށް އެކަން ރިޕޯޓް ވެސް ކޮށް ދޭން އެދޭ ކަމަށެވެ.