މިދިޔަ އަހަރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 'ސައްޔާރާ' ގެ ޑައިރެކްޓަރު މޯހީތު ސޫރީގެ އާ ފިލްމު ރަންބީރް ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި 'ސައްޔާރާ' ވެސް އުފެއްދި ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) އަށް މޯހިތު ހަދާ ފިލްމުގެ ލީޑް ކާސްޓަށް ގެންނަން ހަމަޖެހިފައި ވަނީ އަދިތިޔާ ރޯއި ކަޕޫރާއި ޝްރަދާ ކަޕޫރެވެ. އެ ދެ ތަރިންނަކީ މޯހިތުގެ 2013 ގެ 'އާޝިގީ 2' ވެސް ކުޅުނު ތަރިންނެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނީ އާ ފިލްމުގެ ސްކްރީންޕްލޭ މިހާރު މޯހިތު އެއްކޮށް ނިންމައި، ޕްރޮޑިއިސަރު އަދިތިޔާ ޗޯޕްޅާއާ ހިއްސާކޮށް، އޭނަގެ ފެހި ސިގްނަލް ވެސް އާ ޕްރޮޖެކްޓަށް ލިބިފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ މި މިއުޒިކަލް ގޭންގްސްޓާ ފިލްމުގެ ބަތަލުގެ ރޯލު ރަންބީރަށް ހުށަހަޅައި އެކި ފަހަރު މަތިން އޭނައާ އެކު މޯހިތު ބައްދަލުވުންތަކެއް ވެސް ބާއްވާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
އެކަމަކު އަދި ރަންބީރު ރަސްމީކޮށް ފިލްމަށް އެއްބަސް ނުވާ ކަމަށް ބުންޏެވެ.
މީޑިއާތަކުން ބުނީ ރަންބީރާ އެކު ފިލްމެއް ހެދުމަކީ މޯހިތުގެ ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެ އުންމީދު މި ފަހަރު ހާސިލުވާނެކަމުގެ ޔަގީންކަމުގައި އޭނަ ހުރި ކަމަށެވެ. މޯހިތަކީ ރަންބީރްގެ އަންހެނުން މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ އާއިލާ އަށް ނިސްބަތްވާ ޑައިރެކްޓަރެކެވެ.
'ޒެހެރް' އާއި 'މާޑާ 2' އާއި 'އޭކް ވިލަން' އަދި 'މަލަންގް' ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން މޯހިތުގެ މިދިޔަ އަހަރުގެ 'ސައްޔާރާ' އަކީ ބޮލީވުޑަށް އާ ތަރިންތަކެއް ތައާރަފުކޮށްދިން ވަރަށް ކާމިޔާބު ފިލްމެކެވެ. އޭގެ ލީޑް ކުޅުނީ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ އެވެ.
މޯހިތުގެ އާ ފިލްމު ރަންބީރަށް ހުށަހެޅި އިރު، އޭނަގެ ދެ ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ 'ރާމާޔާން: ޕާޓް' 1 އާއި 'ލަވް އެންޑް ވޯ' އެވެ.