ޖަޕާންގެ ސިޓީއެއްގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ ޒަމާންވީ މައްސަލަ ހައްލު ކުރަން އެހީވުމުގެ ގޮތުން މީހަކު 3.6 މިލިއަން ޑޮލަރުގެ ގޯލްޑް ބާތަކެއް ހަދިޔާކޮށްފި އެވެ.
އިއްޔެ އޮސާކާ ސިޓީގެ މޭޔަރު ހިޑެޔޫކީ ޔޮކޮޔާމާ ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި ވިދާޅުވީ އެ މީހާ ހަދިޔާކުރި ގޯލްޑް ބާތަކުގެ ބަރުދަނުގައި 21 ކިލޯ ހުރި ކަަމަށެވެ. އަދި ޖަޕާނު ފައިސާ އިން ބަލާ ނަމަ އެއީ 560 މިލިއަން ޔެން (3.6 މިލިއަން ޑޮލަރު) ކަމަށް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ގޯލްޑްބާތައް ކައުންސިލަށް ހަދިޔާކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށާއި އެ ހަދިޔާކުރި މީހާގެ އެދުމަކީ އޭނަ އަކީ ކާކުކަން ސިއްރެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ.
އޮސާކާ އަކީ ޖަޕާންގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ އެވެ. އެތަނުގެ އާބާދީ ގާތްގަނޑަކަށް ތިން މިލިއަނަށް އަރަ އެވެ.
ގިނަ އަދަދެއްގެ ބަޔަކު އޮސާކާ ދިރިއުޅެމުން އަންނަ އިރު، އެ ސިޓީގެ ފެނުގެ ވިއުގައަށް ތަފާތު މައްސަލަަތައް ޖެހި އާންމުންނަށް އެކަމުގެ ތަކުލީފުތައް އުފުލަން ޖެހިފައިވެ އެވެ. އޮސާކާގެ ވޯޓާ ވޯކްސް ބިއުރޯއާ ހަވާލާދީ 2024 ގެ ފިސްކަލް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެ އަހަރު އެކަނި ވެސް ފެންހޮޅިތަކުން ލީކްވުމުގެ 90 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.

އޮސާކާގެ މޭޔަރު ވިދާޅުވީ އެ ސިޓީގެ ފެނުގެ ނިޒާމު ރަނގަޅު ކުރަން ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ގޯލްޑްބާ ހަދިޔާކުރި މީހާ އަށް އެކަމަށްޓަކައި ޝުކުރުވެރިވާ ކަމަށް ވިދާޅުވި އެވެ. އަދި އެ މީހާގެ އެ ދީލަތި އެހީ ސިފަކޮށް ދެއްވާނެ ގޮތެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
އެ މީހާ މީގެ ކުރިން ވޯޓާ ބިއުރޯ އަށް ފައިސާ ވެސް ހަދިޔާކޮށްފައިވެ އެވެ. އެ ފަހަރު ހަދިޔާކުރީ ނަގުދު ފައިސާ އިން 500،000 ޔެން އެވެ.