ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓަރމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުވެގެން ދިއުމަކީ އެއަރޕޯޓުން ދޭ ހިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރަމުން އަންނަ މަސައްކަތަށް އިތުރުވި އާ ބޮޅެއް ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ވީއައިއޭގެ ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަން، ޓަރމިނަލް 2 އަށް ރަސްމީކޮށް ބަދަލުކުރުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ، މިއީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އޮޕަރޭޝަންގެ މުޅިން އާ ބާބެއްގެ ފެށުން ކަމަށެވެ. އަދި އެމްއޭސީއެލްގެ ކޮންމެ މަސައްކަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ގާތުން ބައްލަވައި، އިރުޝާދާއި ލަފާފުޅު ދެއްވާ ކަމަށްޓަކައި ޝަރީފް ވަނީ ރައީސްއަށް ޝުކުރު ދަންނަވައިފައެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި ވީއައިއޭގެ އިންޓަރނޭޝަނަލް ފަސިންޖަރުންނެކޭ އެއްވަރަށް ޑޮމެސްޓިކް ފަސިންޖަރުންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ޕީކް ސީޒަންތަކުގައި ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ވަރަށް ބޮޑަށް ތޮއްޖެހިގެންދެއެވެ. މި ބަދަލާއެކު އެ ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.