އިންޑިއާގެ ވިޝާކަޕަޓްނަމްގައި ކުރިއަށްގެންދާ ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފް ގެ ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެ އެވެ.
އެމްއެންޑީއެފް އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މި މަހުގެ 15 އިން 25 އަށް ވިޝާކަޕަޓްނަމްގައި ކުރިއަށްދާ ބައިނަލްއަގުވާމީ ފްލީޓް ރިވިއުއަކީ، ބައިވެރިވާ ގައުމުތަކުގެ އަސްކަރީ އުޅަނދުތައް އެއް ތަނަކަށް ޖަމާވެ ކުރިއަށްގެންދާ އަސްކަރީ ހަރަކާތެއް ކަމަށެވެ.
މި އަހަރުގެ ފްލީޓް ރިވިއުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 74 ގައުމަކުން ބައިވެރިވެފައިވާކަން ފާހަގަކޮށް އެމްއެންޑީއެފް އިން ބުނިީ އެ ހަރަކާތުގައި ޖުމްލަ 85 އަސްކަރީ އުޅަނދު ބައިވެރިވި އިރު، އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ ކަނޑުގެ ސިފައިންގެ 66 އުޅަނދަކާއި ބޭރުގެ އެކި ގައުމުތަކަށް ނިސްބަތްވާ 19 އުޅަނދެއް ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސިފައިންގެ ތިން ސަބްމެރީނާއި 60 އަށް ވުރެ ގިނަ އަސްކަރީ މަތިންދާބޯޓު މި ހަރަކާތުގައި ބައިވެރިވެފައިވާކަމަށްވެސް ބުނެއެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހަރަކާތުގައި ގައުމުތަކުގެ އަސްކަރީ އިސްވެރިން، ބަނދަރުކޮށްފައިވާ އުޅަނދުތަކުގެ ކައިރިން ކަނޑުމަގުން ދަތުރުކުރައްވައި ފްލީޓް ބައްލަވައިލެއްވި ކަމަށާއި، މި އަހަރުގެ މި އަސްކަރީ ހަރަކާތުގައި ދިވެހި އަސްކަރިއްޔާގެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ކަމަށެވެ.
ފްލީޓް ރިވިއު ބައްލަވާލެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަންޑާންޓް، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ކޮމަޑާންޓް ވަނީ ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި އޮސްޓްރޭލިއާގެ ވަފުދުތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަވާފައި ކަމަށް އެމްއެންޑީއެފް އިން މައުލުމާތުދެއެވެ. އެ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ބައިނަލްއަގުވާމީ މިފަދަ ހަރަކާތެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ބައިވެރިވުމަކީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށާއި، ބޭރުގެ ގައުމުތަކުގެ އަސްކަރިއްޔާތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަންވެސް އެމްއެންޑީއެފް އިން ވަނީ ފާހަގަކޮށްފައެވެ.