ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ "ދުނިޔޭގެ އިޖުތިމާއީ އަދާލަތު"ގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ މިދުވަސް ފާހަގަކުރާއިރު ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައާ އެކުގައި ކަމަށާއި، އަދި މިއީ ރާއްޖޭގެ ހާލަތަށް ބަލާއިރު ކިހާ މުހިންމު ދުވަހެއްކަމާމެދު ވިސްނާލަންޖެހޭ ކަމަށެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ އަސްލު ބޭނުމަކީ، ރާއްޖޭގެ ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކާއި، އިންސާނީ ކަރާމާތާއި، އަދި ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
އެގޮތުން އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާކުރުމާއި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކާއި، އިތުބާރުހުރި ދަތުރުފަތުރުގެ ނިޒާމާއި، އަދި އަތްފޯރާފަށުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި، އެކަށީގެންވާ މަސައްކަތްތަކުގެ ތެރެއިން އިންސާފުވެރި އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ވެސް ސަރުކާރުން ބާރުއަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމާން އަދި އުންމީދީ މުސްތަގުބަލެއް ބިނާކުރުމުގެ ބާރުވެރިކަން ހޯދައިދިނުމަށްޓަކައި، ތައުލީމާއި ހުނަރު ތަރައްގީކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ ވަސީލަތްތަކުގެ ފަރަގުތަކާއި ގޮންޖެހުންތައް ހުރި ނަމަވެސް، ސަރުކާރުގެ އަޒުމަކަށް ބަދަލެއް ނާންނާނެކަން ވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން އެކަކު އަނެކަކަށް އަޅާލުމާއި، އޯގާތެރިކަމާއި، އަދި އެންމެންގެ ޒިންމާދާރުކަމާ އެކު، ހުރިހާ ރައްޔިތުންނަށްޓަކައި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމުގައި ސަރުކާރު ދާނީ ކުރިއަށް ކަމަށް ވިދާޅުވެފައިވެ އެވެ.