މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ގެއްލިގެން ހޯދަމުންދަނީ ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ) އެވެ.
ފުލުހުން ބުނީ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އިމްތިޔާޒު ގޭގައި އުޅެނިކޮށް އާއިލާގެ މެމްބަރުންނަށް ފެނިފައިވާ ކަމަށާއި ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިފައިވާކަމަށް މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 17:15 ހާއިރު އާއިލާއިން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނީ އިމްތިޔާޒުއާ ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.